ހިތުގެ ބައްޔަށް ވާރުތަވާނެފަދަ އަލާމާތްތައް ގިނަ މީހުންގެ ކިބައިން ފެންނަމުންދާކަމަށް ސިއްޙަތާބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުނު ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަރަކާތުގައި ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުން ވަނީ ބައިވެރިވެފައެވެ. އަދި މި ދުވަސް ފާހަގަކުރުމުގެ ގޮތުން ބައިސްކަލް ރޭހަކާއި އިތުރު ހަރަކާތްތައް ވެސް ވަނީ ބޭއްވިފައެވެ.
ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ރާއްޖޭގެ އާބާދީ ކުޑަވިޔަސް އާންމުންގެ ސިއްޙީ މައްސަލަތައް ގިނަ ކަމަށެވެ. އެގޮތުން 2015-2023 ވަނަ އަހަރަށް އުމުރުން 15-65 އަހަރުގެ 4.7 އިންސައްތަ މީހުންނަށް ހިތުގެ ބައްޔާއި ސްޓްރޯކް ޖެހޭކަމަށް ރާއްޖޭގައި ހެދި ދިރާސާއަކުން ދައްކާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ހިތުގެ ބަލި ޖެހިގެން ކޮންމެ އަހަރަކު 17 މިލިއަން މީހުން މަރުވާ ކަމަށް ދުނިޔޭގެ ހާރޓް ފެޑެރޭޝަން އިން ލަފާކުރޭ،" ވަޒީރު ވިދާޅުވިއެވެ.
ހިތުގެ ބައްޔަށް ވާރުތަވާފަދަ އަލާމާތްތައް ގިނަ މީހުންގެ ކިބައިން ފެންނަކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ ހިތުގެ ސިއްޙަތު ރަނގަޅު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް ހެލިފެލިވެ އުޅުމަށާއި ރަނގަޅު އާދަތައް ގައިގައި އަށަގެންނެވުމަށް ވަޒީރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ކޮންމެ އަހަރެއްގެ 29 ސެޕްޓެންބަރަކީ ދުނިޔޭގެ ހިތުގެ ބަލީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ދުވަހެކެވެ. މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދަކީ ހިތުގެ ދުޅަހެޔޮކަމާބެހޭ ގޮތުން ޢާންމުން ހޭލުންތެރިކޮށް، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތާއި ހިތުގެ ބަލިތަކުގެ ނުރައްކާ ޢާންމުންނަށް އަންގައި، ޢާންމުން ހޭލުންތެރި ކުރުމެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.