7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މާދަމާ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ކޮންފަރެންސް ކުރިއަށްދާނީ އަން މަހު އެކެއް ދޭއްގައި ކަމަށް ތައުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ. އެގޮތުން ސީ.އެޗް.އެސް.އީ-މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޮންފަރެންސްއަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން، މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންނަށް އަމާޒުކޮށް ބާއްވާ ކޮންފަރެންސްއެއް ކަމަށާއި، އެ ކޮންފަރެންސްއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ކޮންފަރެންސްއެެއް ކަމަށްވެސް ބުނެފައި ވެއެވެ.
ދެ ދުވަހަށް ދެމިގެންދާ މި އަހަރުގެ ކޮންފަރެންސްގައި ބައިވެރިވުމަށް 250 ފަރާތަކުން ރަޖިސްޓަރީ ކޮށްފައިވާނެ ކަމަށެވެ.
މިއަހަރުގެ ކޮންފަރެންސްއަށް 60 ރިސަރޗް ޕޭޕަރާއި، 4 ކޭސް ސްޓަޑީ ހުށަހަޅާފައިވާނެ ކަމަށް ތައުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ.
މިފަދަ ކޮންފަރެންސްއެއްގެ ބޭނުމަކީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ޙައްލުކުރެވިދާނެ ގޮތްތައް ދެނެގަތުން ކަމަށާއި،
ކިޔަވައިދިނުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުން ކަމަށްވެސް ބުނެފައި ވެއެވެ. ވަކިން ހާއްސަކޮށް ބޭރު ޤައުމުތަކުގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ރާއްޖެ ތަޢާރަފުކޮށްދިނުމާއެކު، ރާއްޖޭގައި "އެކަޑެމިކް ޓުއަރިޒަމް" ކުރިއެރުވުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.
2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ކޮންފަރެންސް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރު ކުޅުދުއްފުށި ސިޓީގައެވެ. އެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށް ވުރެ ގިނަ ޓީޗަރުންނާއި، ޢިލްމީ ބޭފުޅުން ބައިވެރިވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.