ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރު ގުޅުވާލައިގެން ފޯރުކޮށްދޭ ސީ-ޓު-އެއަރ ކާގޯ ޚިދުމަތުން ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނިމިދިޔަ ޖުލައި މަހު އެކަނިވެސް މި ޚިދުމަތް މެދުވެރިކޮށް 633 ޓަނުގެ މުދާ ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 88 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
މިދިޔަ ޖޫން މަހު ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ 335 ޓަނުގެ މުދަލެވެ. ނަމަވެސް ޖުލައި މަހު މި އަދަދު ވަނީ 131 ޓީއީޔޫސް (ކޮންޓެއިނަރު) އަށް އިތުރުވެފައެވެ. މި މުދާތައް ދުނިޔޭގެ 10 ގައުމަކަށް ފޮނުވާފައިވަނީ ބައިނަލްއަގުވާމީ 6 އެއާލައިނެއްގެ އެހީތެރިކަމާއެކުގައެވެ. އޭގެ ތެރޭގައި އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ގަތަރު އެއާވޭސް، ސައުދިއާ އެއާލައިން، ސްވިސް އެއާވޭސް އަދި ޓާކިޝް އެއާލައިން ހިމެނެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި، ޖުލައި މަހަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީޚުގައިވެސް އެންމެ ގިނަ އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ ބޭރަށް ފޮނުވި މަހެވެ. އެ މަހުގެ ތެރޭގައި ޖުމްލަ 2,000 ޓަނަށްވުރެ ގިނަ ޓްރާންޝިޕްމަންޓް ކާގޯ ވަނީ އުފުލާފައެވެ. މިއީ އެއާޕޯޓުގެ ތާރީޚުގައި އެއް މަސްދުވަހުގެ ތެރޭގައި މިފަދަ ބޮޑު އަދަދަކަށް މުދާ އުފުލި ފުރަތަމަ ފަހަރެވެ.
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ، ޓްރާންސިޓް ކުރުމަށްފަހު ވައިގެ މަގުން ދުނިޔޭގެ އެކި މަންޒިލްތަކަށް ފޮނުވުމަށް ފަށާފައިވާ ޚިދުމަތެކެވެ. އެމްއޭސީއެލް އާއި އެމްޕީއެލް ގުޅިގެން ދެމުންދާ މި ޚިދުމަތުގައި މިހާރުވެސް 17 އަށްވުރެ ގިނަ އެއާލައިން ބައިވެރިވަމުންދެއެވެ.
ސަރުކާރުން ދެކޭގޮތުގައި ރާއްޖެއަކީ ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކެއް ދަތުރުކުރާ މުހިންމު މަންޒިލަކަށް ވުމުން، މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ފުރުސަތު ބޮޑެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުންވެސް އެ ގައުމުތަކުގެ އިގްތިސާދު ވަރުގަދަ ކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.