ގދ އަތޮޅު ކައުންސިލުން 2024 ވަނަ އަހަރުގެ އަތޮޅު ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 6 އިން 9 އަށް ތިނަދޫ ސިޓީގައެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ގދ އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލް މަދަރުސާތަކަށާއި، ޤުރްއާން ކިލާސްތަކަށާއި، ކްލަބް ޖަމްޢިއްޔާތަކަށާއި އަދި އަތޮޅުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށެވެ.

ސްކޫލް މަދަރުސާތަކުގެ ރަޖިސްޓްރޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިންނެވެ. އަދި ޤުރްއާން ކިލާސްތަކާއި، ކްލަބް ޖަމްޢިއްޔާތަކުންނާއި އަމިއްލަ ފަރާތްތަކުން ބައިވެރިވާ ފަރާތްތަކުގެ ރަޖިސްޓްރޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 15 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިންނެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ރަސްމީ ގަޑީގައި ގދ އަތޮޅު ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ކަމަށް އެ އިދާރާއިން މަަޢުލޫމާތު ދީފައިވެއެވެ. އަދި މުބާރާތުގެ ގަވާއިދާއި ފޯމު ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ގދ އަތޮޅު ކައުންސިލް އިދާރާގެ ނަންބަރު 6841032 އަށް ގުޅުމަށް އެ އިދާރާއިން އަންގާފައިވެއެވެ.