ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ އިންޓްރެސްޓް ޕޭމަންޓްގެ ގޮތުގައި 25 މިލިއަން ޑޮލަރު،  400 މިލިއަން ދިވެހި ފައިސާ ދައްކައިފިއެވެ.

މިއީ ދިވެހި ދައުލަތް ބަގުރޫޓު ވެދާނެކަމަށް އިދިކޮޅުމް ފެތުރި ދަރަނި ތަކުގެ ވާހަކައެވެ. ފިނޭންސް  މިނިސްޓްްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސުކޫކުގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް މިއަދު އެ ފައިސާ ރައްދުކޮށް ނިންމާފައިވެއެވެ. މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ފައިސާ ދައްކާފައިވަނީ ދައުލަތަށް ލިބިފައިވާ އާމްދަނީންނެވެ. މި ސުކޫކު ދޫކުރެވިފައިވަނީ 9.875 އިންސައްތައިގެ އިންޓަރެސްޓް ރޭޓެއްގައެވެ. މި މަހު ދެއްކި ކޫޕަން ޕޭމަންޓާއެކު، މި އަހަރު ކޫޕަން ޕޭމަންޓުގެ ގޮތުގައި ޖުމުލަ 50 މިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވާނެ ކަމަށް ލަފާކުރެވެއެވެ. ސުކޫކުގެ އުސޫލުތަކާ އެއްގޮތަށް، އަހަރަކު ދެ ފަހަރު ކޫޕަން ޕޭމަންޓް އިންވެސްޓަރުންނަށް ދައްކަމުން ގެންދެވެއެވެ. އަންނަ އަހަރުވެސް ކޫޕަން ޕޭމަންޓުގެ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ދައްކަވާނެއެވެ. މި ޕޭމަންޓްތައް ދައްކަވަމުން ގެންދަވަނީ އޭޕްރީލް އަދި އޮކްޓޫބަރު މަހުގައެވެ. ސަރުކާރުން ވިއްކާފައިވާ މި ސުކޫކު ލިސްޓުކުރެވިފައިވަނީ އަބޫދާބީގެ ސްޓޮކް މާރުކޭޓުގައެވެ. ފާއިތުވި މަހު ސުކޫކުގެ އަގު މާރުކޭޓުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވީ ނަމަވެސް، މިހާރު އަނެއްކާވެސް އޭގެ އަގު މަތިވާން ފަށާފައިވެއެވެ. ސުކޫކު މެޗުއަރވާ 2026 ވަނަ އަހަރު ޖުމުލަ 500 މިލިއަން އެމެރިކާ ޑޮލަރު ދައްކަންޖެހޭނެއެވެ. އެ އަހަރު ދައުލަތުންތުން އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި އަދާކުރަންޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ދައުލަތުގެ ޖުމުލަ ދަރަނި މި އަހަރު 129 ބިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރެވެއެވެ.