ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ޙަފްލާގެ ގުނާނު ނުވަތަ ކައުންޓްޑައުން ވަނީ މިއަދު ފަށައިފައެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މިއަހަރުގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހަކީ ރާއްޖެ އިސްލާމްވިތާ 898 އަހަރު ފުރުނު ދުވަސް ކަމަށްވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ނިންމަވާފައެވެ. އަދި މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މިއަދު އޮކްޓޯބަރު 5 އިން ފެށިގެން ގުނާނު ފެށުމަށް ވެސް ނިންމަވާފައިވެއެވެ.
ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ދިވެހިރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. މިއީ މީލާދީން 1153 ވަނަ އަހަރެވެ. އަދި ކޮންމެ އަހަރެއްގެވެސް ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހަކީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން ފެށިކަމަށް ތާރީޚީ ލިޔުންތަކުން އެނގެން އޮތީ ރަސްގެފާނު މުޙައްމަދު ފަރީދުލްއައްވަލްގެ ރަސްކަމުގައި ހިޖުރައިން 1374 ވަނަ އަހަރުގައި ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
މި މުނާސަބަތާ ގުޅިގެން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެކި ކަހަލަ ޙަރަކާތްތައް ރާވައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އިސްލާމީ ތަޢުލީމާއި ސަގާފަތް ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވާ ޚާއްޞަ ޕްރޮގްރާމްތަކާއި، ތާރީޚީ ފޮތްތައް ޝާއިޢުކުރުން ހިމެނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.