އެންމެ ފަހުގެ ޖެނެރޭޝަންގެ ޓްވިން އޮޓަރ ކްލެސިކް 300 ޖީގެ މަތިންދާބޯޓު ގެނައުމަށް އޯޑަރކުރި ފުރަތަމަ ދިވެހި އެއަރލައިނަކީ ޤައުމީ އެއަރލައިން، މޯލްޑިވިއަންކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ. އިޔާސް މިހެން ވިދާޅުވީ، ޓްވިން އޮޓަރ ކްލެސިކް 300 ޖީގެ 2 މަތިންދާބޯޓު ގެނައުމަށް ކެނެޑާގެ ޑީ ހެވިލިއަން ކުންފުންޏާއިއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، 2014 ވަނަ އަހަރު އެންމެ ދެބޯޓުން ފެށި މޯލްޑިވިއަން ސީޕްލޭންގެ ޚިދުމަތް މިއަދު ފަތުރުވެރިކަމުގެ ދާއިރާގެ ވަރުގަދަ ބައިވެރިންނާއިއެކު ފެންވަރު ރަނގަޅު ވައިގެ ޚިދުމަތަކަށް ބަދަލުވެފައިވާކަމަށެވެ. އަދި މިއަދު މޯލްޑިވިއަން ސީޕްލޭން ފްލީޓްގައި 11 ޓްވިން އޮޓަރ މަތިންދާބޯޓު އޮތްކަން ފާހަގަކުރައްވައި، މޯލްޑިވިއަނުން ރިސޯޓްތަކަށާއި ރަށްތަކަށް އިތުބާރު ހުރި އަވަސް ދަތުރުތަކެއް ކެނޑިނޭޅި ކުރަމުންދާކަމަށް އިޔާސް ވިދާޅުވިއެވެ.

އިޔާސް ވިދާޅުވީ، މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުރޮޅުލީ ޓްވިން އޮޓަރ މަތިންދާބޯޓުގައި ޝެޑިއުލް ކޮމާޝަލް ފްލައިޓްގެ ޚިދުމަތް ރާއްޖޭގައި ފެށި ފުރަތަމަ އެއަރލައިންއަކީ ވެސް ޤައުމީ އެއަރލައިންކަމަށެވެ. މިއީ މޯލްޑިވިއަންގެ ފްލީޓް އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުޅިން އަލަށް އުފައްދާފައިވާ އެންމެ ފަހުގެ ޖެނެރޭޝަންގެ 2 ޓްވިން އޮޓަރ ކްލެސިކް 300 ޖީ މަތިންދާބޯޓު އެ ކުންފުނީގެ ފްލީޓަށް އިތުރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދިޔަ ތާރީޙީ ދުވަހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"މި މަތިންދާބޯޓަކީ ރާއްޖޭގައި މާހައުލާއި ގުޅޭގޮތައް އުފައްދާފައިވާ މަތިންދާބޯޓެއްކަމުން އަޅުގަނޑުމެންގެ އޮޕަރޭޝަންގައި މި ބޯޓު ބޭނުންކުރުމަށް ކުރިން ގެނެވުނު މިފަދަ ބޯޓުތަކަށް ގެންނަންޖެހޭ ބަދަލުތައް މި ބޯޓަށް ގެންނަން ނުޖެހޭކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން. އަދި ރާއްޖޭގެ އެއަރލައިނަކުން އެންމެ ފަހުގެ ޖެނެރޭަންގެ ޓްވިން އޮޓަރ ކްލެސިކް 300 ޖީގެ މަތިންދާބޯޓު ގެނައުމަށް އޯޑަރ ކުރެވޭ މިއީ ފުރަތަމަ ފަހަރު،" އިޔާސް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، މިއީ 2018 ވަނަ އަހަރުގެ ފަހުން އެ އެއަރލައިންގެ ޓްވިން އޮޓަރ ފްލީޓަށް މަތިންދާބޯޓު އިތުރުކުރެވޭ ފުރަތަމަ ފަހަރުކަމަށެވެ. އަދި މިކަމަކީ އައިލެންޑް އޭވިއޭޝަންއާއި ކެނެޑާގެ ޑީ ހެވިލިއަން ކުންފުންޏާއި ދެމެދު އޮތް ދިގުދެމިގެންދާ ގުޅުން ރަމްޒުކޮށްދޭ ދުވަހެއްގެ ގޮތުގައިވެސް އޭނާ ވަނީ ވިދާޅުވެފައެވެ.