ގއ. ވިލިގިނލި ކައުންސިލުން އެ ރަށު ސަހަރާއި ހިނަވާގެ ޒަމާނީ ފެންވަރަށް ތަރައްގިކޮށް ނިންމައިފިއެވެ. ވިލިގިނލި ރައްޔިތުންނަށް ތަކްލީފަކަށްވެ އަޅާނުލެވި ދޫކޮށްލާފައިއޮތް އެ ރަށު ސަހަރާގެ ޖާގަ ތަނަވަސްކޮށް ހިނަވާގެ ޒަމާނީ ފެންވަރަށް ކައުންސިލުން ތަރައްގިކޮށްފައިވަނީ ކުރިއަށްއޮތް 50 އަހަރަށްވެސް ބޭނުން ކުރެވޭ ގޮތަށް ކަމަށް ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުޙައްމަދު ވަނީ ވިދާޅުވެފައެވެ. ވިޝާލް "ހުވަދޫ މީޑިއާ" އަށް ވިދާޅުވީ ސަހަރާގެ މައްސަލައަކީ މީގެ ކުރިން ވިލިގިއްޔަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަކަމަށާއި، ނަމަވެސް މި މައްސަލަ ހައްލު ކޮށްފައިވަނީ ސަހަރާ ތެރެއަށް ފަސް އަޅާ ތަން އެއްކޮށް ސާފް ކުރުމަށްފަހު ކަމަށެވެ. އަދި ހިނަވާގެއާއެކު މޯޗަރީއެއްވެސް ގާއިމް ކޮށްފައިވާ ކަމަށްވެސް ވިޝާލް ވަނީ ވިދާޅުވެފައެވެ. ވިލިގިނލީ ކައުންސިލް މެމްބަރު އިބްރާހީމް ރަޝީދު ހުވަދޫ އަށް ވިދާޅުވީ ސަހަރާގެ ޖާގައިގެ މައްސަލަ މީގެ ކުރިން ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށާއި، މި މައްސަލަ ހައްލުނުކުރެވި އޮއްވާ މިހާރުގެ ކައުންސިލުން އެ މަސައްކަތް ކޮށްފައިވަނީ ވިލިގިނލީގެ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށްޓަކާ ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.
ސަހަރާގެ ވަށާ ފާރު ރާނާ އެތެރެއަށް ފަސްއަޅާފަވަނީ މިހާރު ވަރަށް ޖާގަ ތަނަވަސްކޮށް އޮތީ. ހިނަވާގެ ވެސް ވަނީ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފަ. ހިނަވާގެ ތައްރައްގީ ކުރުމަށް ފެނަކައިން ވަރަށް ބޮޑު އެހީތެރިކަމެއް ވެދިން. އިބްރާހީމް
މީގެ އިތުރުން ވިޝާލް ފާހަގަކުރެއްވީ މިހާރު ތަރައްގީ ކުރެވިފައިވާ ހިނަވާގެ އާއި އެކު ސަހަރާގެ ބޭނުން ރައްޔިތުންނަށް ބޭނުންތެރި ކަމާއެކު ހިފިގެންދާނެ ކަމަށެވެ. އެގޮތުން މީގެ ކުރިން މީހަކު ވަޅުލަން ޖެހުމުން އުފަލަމުން އައި އެއްވެސް ތަކްލީފެއް ދެން ނުފޯރާނެ ކަމަށެވެ. ވިލިނގިއްޔަށް ދިމާވެފައިވާ މި ބޮޑު މައްސަލައަކަށް ހައްލެއް ހޯދާދެވިފައިވާ ކަމަށްވެސް ވިޝާލް ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.