2025 ވަނަ އަހަރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް ޑރ މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށެވެ. މި ގޮތުން މުސާރައާ ގުޅޭ ފިޔަވަޅުތައް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ވަނީ ނިންމަވާފައެވެ.
މި ނިންމެވުމުގެ ދަށުން، މަޖިލިސް މެންބަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ވަނީ އަންގަވާފައެވެ
ހަމައެެހެންމެ މިބަދަލުތަކުގެ ތެރެއިން ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި، ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރެވޭނެއެވެ.
ނަމަވެސް، 12,000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް މި ބަދަލުން އިސްތިސްނާ ކުރެވޭނެ ކަމަށް ރައީސް ޑރ މުއިއްޒުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
އިތުރު މުހިންމު ބަދަލެއްގެ ގޮތުގައި، ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90,000 ރުފިޔާ ކަމަށް ކަނޑައެޅުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ. މިހާރު ބައެއް ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު އޮތްގޮތުން 100,000 ރުފިޔާއަށްވުރެ ބޮޑު މުސާރަ ލިބޭ ފަރާތްތައް ހުރިކަން ފާހަގަކުރެވެއެވެ.
އެންމެ ތަފާތު އަދި ހާއްސަ ބަދަލަކަށް ފާހަގަކޮށްލެވޭ ކަމަކީ، ރައީސް ޑރ. މުއިއްޒު އަމިއްލަފުޅަށް އެ މަނިކުފާނުގެ މުސާރައިގެ 50 އިންސައްތަ ނުނަންގަވާ ގޮތަށް ހަމަޖައްސަވަން ނިންމަވާފައިވާ ކަމެވެ.
މި ބަދަލުތަކަކީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާ މައްސަލައަކަށް ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ. ހާއްސަކޮށް މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކަމާއި ލިބޭ އިނާޔަތްތަކާ މެދު އާންމު ރައްޔިތުންގެ ޝަކުވާ މެދުކެނޑުމެއް ނެތި އަބަދުވެސް ކުރަމުން އަންނަ މައްސަލައެކެވެ. އެހެންކަމަށްވުމުން ރައީސްގެ މިނިިންމެވުމަކީ ރައްޔިތުންނަށް، ރައީސް ޑރ މުއިއްޒު ގެންގުޅުއްވާ ހަަމަހަމަކަމާއި ރައްޔިތުންނާމެދު ބަހައްޓަވާ ހާއްސަކަން ހާމަވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.