ހެޑްލައިން: މީޑިއާ ކައުންސިލުން ދިޔަވަރު.ކޮމްގެ ހަބަރުތަކާ މެދު އާންމުން ސަމާލުވުމަށް ގޮވާލައިފި ދިޔަވަރު.ކޮމް އިން ފަތުރާ ހަަބަރުތަކާ މެދު އާންމުން ސަމާލުވުމަށް މީޑިއާ ކައުންސިލުން މިރޭ ގޮވާލައިފިއެވެ. މި ގޮވާލުން އައިސްފައި ވަނީ މީޑިއާ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައެވެ. މީޑިއާ ކައުންސިލުން ބުނެފައިވާ ގޮތުގައި ދިޔަވަރު.ކޮމްއަކީ ރަޖިސްޓަރީ ކޮށްގެން ހިންގާ ނޫހެއް ނޫނެވެ. އަދި މި ވެބްސައިޓާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ލިބިފައިވާކަމަށް ކައުންސިލުން ފާހަގަކޮށްފައިވެއެވެ. މި އަހަރުގެ މިހާތަނަށް މީޑިއާ ކައުންސިލަށް ލިބުނު 77 ޝަކުވާގެ ތެރެއިން 63 ޝަކުވާއަކީ ދިޔަވަރު ވެބްސައިޓާ ގުޅުންހުރި މައްސަލަތައް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މި ޝަކުވާތައް ބެލުމަށްފަހު، އެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ ގިނަ ކޮންޓެންޓަކީ މީޑިއާ ކައުންސިލުގެ ގާނޫނާއި ގަވާއިދާއި އަދި މީޑިއާތަކުން އަމަލު ކުރަން ޖެހޭ އަހުލާގީ މިންގަނޑާ ހިލާފަށް ޝާއިއު ކޮށްފައިވާ ލިޔުންތަކެއްކަން ފާހަގަ ކޮށްފައި ވެއެވެ.
މީޑިއާ ކައުންސިލުން އާންމުންނަށް އިލްތިމާސް ކޮށްފައި ވަނީ:
- ދިޔަވަރު ވެބްސައިޓުގައި ޝާއިއު ކުރާ ހަބަރުތަކުގެ ސައްހަކަން އެހެން މީޑިއާތަކާއި މަސްދަރުތަކުން ކަށަވަރު ކުރުމަށާއި
- އެ ހަބަރުތައް ސޯޝަލް މީޑިއާގައި ނުފެތުރުމަށާއި
- ހަމައެކަނި ސުރުހީ ކިޔުމުގެ ބަދަލުގައި އާޓިކަލްތައް ހުޅުވައި، ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައިގެން ލިޔެފައިވާ ހަބަރެއްތޯ ޔަގީން ކުރުމަށް
މީޑިއާ ކައުންސިލުގެ ގާނޫނުގެ މަގުސަދަކީ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ނޫންކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ރަޖިސްޓަރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަ ބަލާނެ ގޮތެއް ނުވަތަ އެޅޭނެ ފިޔަވަޅެއް ގާނޫނާއި ގަވާއިދުގައި ނެތްކަން ފާހަގަ ކޮށްފައި ވެއެވެ. އެހެންކަމުން، އިޖުތިމާއީ މިންގަނޑާ ހިލާފު ކޮންޓެންޓް ފެތުރުމާއި، ގައުމީ ސަލާމަތަށް ނުރައްކާ ވާ ފަދަ ވާހަކަތަކާއި، ކުޑަކުދިންގެ ޒާތީ މައުލޫމާތުތައް ފެތުރުން ފަދަ މައްސަލަތަކުގައި އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން ބްލޮކް ކުރުން ހިމަނައިގެން އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.