އަސާސީ ކާބޯތަކެތީގެ އަގުތައް އެއްތަނަކުން ބަލާލެވޭ "އަގުމަގު" ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ފިހާރަތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުޅުވާލައިފިއެވެ. މި ޕޯޓަލްއަކީ ރައްޔިތުންނަށް އަސާސީ ކާބޯތަކެތި އަގުހެޔޮކޮށް ފޯރުކޮށްދިނުމަށާއި، ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް 28 ފެބުރުވަރީ 2025 ގައި ލޯންޗުކުރި މަޝްރޫޢެކެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މައުލޫމާތުގައިވާ ގޮތުން، މި ޕޯޓަލްގައި ރަޖިސްޓްރީވުމުން ރާއްޖޭގެ ހުރިހާ ރަށަކުން ވިޔަފާރިކުރާ އެތައް ހާސް ކަސްޓަމަރުންނަކަށް، ފިހާރައިގައި ހުރި މުދަލުގެ އަގުތަކާއި ސްޓޮކާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. ވިޔަފާރިތަކަށް ޕޯޓަލްގައި ރަޖިސްޓްރީ ވެވޭނީ ކިޔުއާރު ކޯޑު ސްކޭންކޮށްލައިގެން ނުވަތަ agumagu.trade.gov.mv ލިންކު މެދުވެރިކޮށެވެ.
އަތޮޅުތެރޭގެ ރަށްތަކަށްވެސް މި ފުރުޞަތު ފުޅާވެގެންދާނެ
ކުރިން ހަމައެކަނި މާލޭގެ ފިހާރަތަކުގެ އަގުތައް ފެންނަން ހުރި ނަމަވެސް، އަލަށް ތަޢާރަފްކުރި "އަގުމަގު" އެޕްލިކޭޝަނާއެކު އަތޮޅުތެރޭގެ ރަށްރަށުގައިވެސް ތަކެތި ވިއްކަން ހުންނަ އަގުތައް ފެންނާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. މި ޕޯޓަލްގައި ހިމަނާފައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެކެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އަގުތައް އެއް ތަނަކުން ފެންނަން ހުންނާނެއެވެ. އެގޮތުން އެކި ފިހާރަތަކުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖް އަގު އަދި އެންމެ ބޮޑު އަގުވެސް ބަލާލެވޭނެއެވެ. މީގެ އިތުރުން، ފާއިތުވި 10 ދުވަހުގެ ތެރޭގައި ބާޒާރުގެ އަގުތަކަށް އައިސްފައިވާ ބަދަލުތައްވެސް މި ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ދެނެގަނެވޭނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.