އެމިރޭޓްސްގެ ޝާރްޖާއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަށް އެއަރ އެރޭބިއާގެ ސީދާ ދަތުރުތައް މިއަދު ފަށައިފިއެވެ.
އެއަރ އެރޭބިއާގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މިއަދު މެންދުރު 01:28 ގައެވެ.
އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ޝާރްޖާއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަކީ މެދުއިރުމަތީގެ އިތުރުން ދުނިޔޭގެ ގިނަ ސިޓީތަކާއި ރާއްޖެއާއި ދެމެދު ފަސޭހައިން ދަތުރުކުރެވޭނެ މަގު ހުޅުވިގެންދާނެ ކަމެއް ކަމަށެވެ.
އަދި މިގޮތަށް އުފެދޭ އިތުރު ކޮންމެ ކަނެކްޝަނަކާއިއެކު ސަރަޙައްދީ ވައިގެ ދަތުރުފަތުރާއި ދުނިޔޭގެ މި ސިނާޢަތުގައިވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަގާމު ރަނގަޅުވެގެންދާނެ ކަމަށެވެ.
މިފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި ރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސަޑަރ ޙަސަން ވަޙީދު، އެއަރ އެރޭބިއާގެ ޔޫ.އޭ.އީގެ އޭރިއަރ މެނޭޖަރ ޝަހްޒަދް ނަގްވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފްގެ އިތުރުން ކުންފުނީގެ އިސްބޭފުޅުންނާއި ސްޓޭކްހޯލްޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.