ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ އަރިހަށް މާކް ފައުންޑޭޝަންގެ ސީއީއޯ ސެނެޓަރ ޑރ.ރަޝާ ކެލެޖް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޓެންޒޭނިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައި، މާކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ އެނުއަލް ކޮންފަރެންސްގެ ޝަރަފްވެރި މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި މާކް ފައުންޑޭޝަންގެ ސީއީއޯ ވަނީ އަންހެނުން ބާރުވެރިކުރުވުމާއި، ކުރިއެރުވުމުގައި އެ ފައުންޑޭޝަނުން ކުރައްވަމުން ގެންދަވާ ފުޅާ މަސައްކަތްތަކުގެ މައުލޫމާތު ރައީސްގެ އަނބިކަނބަލުންނާއި ޙިއްޞާކުރައްވާފައެވެ. އެކަމަނާ ވަނީ ފައުންޑޭޝަނުން ހިންގާ ސްޕެޝަލިސްޓް ޓްރެއިނިންގ ޕްރޮގްރާމްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޚާއްޞަ މެޑިކަލް ދާއިރާތަކުން ޤާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅުއްވާފައެވެ.

ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ އަންހެނުންނަށް އަސަރުކުރާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. މި ސަރުކާރުން އަންހެނުންގެ ޞިއްޙަތަށް އިސްކަންދެއްވާކަން ފާހަގަކުރައްވައި، ރާއްޖޭގެ ދަރިމައިވުމުގެ މައްސަލަތައް ޙައްލުކުރެއްވުމަށް ރައީސް ޑޮކްޓަރ މުޙަންމަދު މުޢިއްޒު ވެވަޑައިގެންފައިވާ މުހިންމު ވަޢުދު ތަކުރާރުކުރެއްވިއެވެ.