ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެ މުވައްޒަފުންނަށް ލޯންގް ސަރވިސް އެވޯޑު ދީފިއެވެ.

ބީއެމްއެލްގެ މުވައްޒަފުންނަށް މި އެވޯޑް ހަވާލުކުރުމަށް ރޭ ބޭއްވުނު ހަފްލާގައި ބޭންކަށް 15، 20، 25، 30 އަދި 35 އަހަރުގެ މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ 29 މުވައްޒަފުންނަށް އެވޯޑު ހަވާލުކުރެވުނެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ މުވައްޒަފުން މަސައްކަތަށް ދެއްވާ އަހުމިއްޔަތުކަމަށާއި ވަޒީފާގައި ދިގު މުއްދަތަކަށް ވަފާތެރިކަމާއެކު ދެމިހުންނެވިކަމަށްޓަކައި އެކަމުގެ އަގު ވަޒަންކޮށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށެވެ.

އަދި އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާތީ ފާއިތުވި 35 އަހަރުގެ ދިގު މުއްދަތަކަށް ހީވާގި ކަމާއެކު މަސައްކަތް ކޮށްދެއްވިކަމަށްޓަކައި އަމްޝޫދާ، އާމިނަތު އަދި ޝާދުނާއަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން އެވޯޑް ލިބުނު ފަރާތަކީ އަމްޝޫދާ ނަޢީމް (ސްވިފްޓް ސަރވިސް މެނޭޖަރ)، އަލްފާޟިލާ އައިމިނަތު ނަސީމް (ކަސްޓަމަރ ސަރވިސް މެނޭޖަރ) އަދި އަލްފާޟިލާ އާއިޝަތު ޝާދުނާ (މެނޭޖަރ، ޗެކް ޕްރޮސެސިންގ) އަށް ވަނީ ބޭންކަށް 35 އަހަރުގެ މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާތީ ހާއްސަ އެވޯޑެއް ދީފައެވެ. މީގެ އިތުރުން، އަލްފާޟިލާ ފާޠިމަތު ޙުސައިން (ކަސްޓަމަރ ސަރވިސް އޮފިސަރ)، އަލްފާޟިލާ ފާޠިމަތު މުޙައްމަދު (މެނޭޖަރ، އެޖެންޓް ބޭންކިންގ)، އަދި އަލްފާޟިލާ މަރިޔަމް ޙަމީދު (ޗީފް ކޮމްޕަލަޔަންސް އޮފިސަރ) އަށް ވަނީ 30 އަހަރުގެ މުއްދަތަކަށް ބޭންކަށް ހިދުމަތް ކޮށްދެއްވިކަމުގެ އެވޯޑު ދީފައެވެ.