ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ރާއްޖެއިން ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ޗައިނާގެ ޑިސްއޭބަލްޑް ޕާސަންސް ފެޑެރޭޝަންގެ ފަރާތުން ރާއްޖެ އަށް ޒިޔާރަތް ކޮށްފިއެވެ.

ޗައިނާގެ ޑިސްއޭބަލްޑް ޕާސަންސް ފެޑެރޭޝަންގެ ފަރާތުން ރާއްޖެ ޒިޔާރަތްކުރީ އޮކްޓޯބަރު 28 އިން އޮކްޓޯބަރު 31 ގެ ނިޔަލަށެވެ.  މިދަތުރަކީ، ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން އެކުލަވާލެވުނު އެކްޝަން ޕްލޭންގައި ހިމެނޭ އިޖުތިމާޢީ ތަރައްޤީއާ ބެހޭ ކަންކަން ހާސިލުކުރުމުގެ ބޭނުމުގައި ކުރެވިފައިވާ ދަތުރެކެވެ.

އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ރާއްޖެއިން ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ފެޑެރޭޝަންގެ ފަރާތުން ވަނީ ހުށަހަޅުއްވާފައިވެއެވެ. މިގޮތުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަން، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުގައި ވަކާލާތުކުރާ ޖަމިއްޔާތަކުގެ ތެރެއިން މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް، އަދި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސްއެބިލިޓީސް އާއި ބައްދަލުކުރެވިފައިވެއެވެ.

ހަމައެހެންމެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް ޒިޔާރަތްކުރުމުގެ ތެރެއިން ހުޅުމާލޭ ޗައިލްޑް ޑިވަލޮޕްމަންޓް ސެންޓަރ، ކެއަރ ސޮސައިޓީ އަދި ހޯމް ފޯ ޕާސަންސް ވިތް ސްޕެޝިއަލް ނީޑްސް އަށް ޒިޔާރަތްކުރައްވާފައިވެއެވެ. މި ބައްދަލުވުންތަކާއި ޒިޔާރަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވެމުންދާ ޚިދުމަތްތަކާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވަމުންދާ ގޮންޖެހުންތަކާއި މެދު މަޝްވަރާކޮށް، ދެ ޤައުމު ގުޅިގެން ފެންވަރު ރަނގަޅުގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކާއި މެދު މަޝްވަރާކުރެވިފައިވެއެވެ.