ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވަނީ މިއަދު ނަޞްރުގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވަނީ "ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ އެންމެހާ ލޮބުވެތިރައްޔިތުންނަށް ފޮނުވަން. މާތް ﷲ ދިވެހިރާއްޖޭގެ ނަޞްރާއިނަޞީބު އަބަދަށްޓަކާ ދަމަހައްޓަވާށި! އާމީން" މިފަދައިންނެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް އުދުވާނީ ހަމަލާ ދިން އިރު ރައީސްކަމުގައި ހުންނެވި އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް، އެ ދުވަހު ވަނީ ދިވެހިންނާއި ގައުމުގެ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށްޓަކައި ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަމަށް އެދިވަޑައިގެން ވަގުތުން ފިޔަވަޅުތައް އަޅުއްވަން ފައްޓަވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތް، އެމެރިކާ، ސިންގަޕޫރު އަދި އިންޑިއާ ފަދަ ގައުމުތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

މި ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނީ އިންޑިއާއިންނެވެ. ނަމަވެސް އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެ އައިރު ދިވެހި ސިފައިން ވަނީ ނަސްރު ހޯއްދަވާ ބާއީން ދިވެހި ބިމުން ފައްސާ ބޭރުކޮށްލާފައެވެ. އަދި ބާއީންނާއި ކުރިމަތިލި ރަހީނުން ސަލާމަތްކޮށް ބާޢީން އިންސާފުގެ ކުރިމައްޗަށް ގެނެސްފައި ވަނީ އިންޑިއާގެ އަސްކަރިއްޔާގެ އެހީގައެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު 3 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ނަސްރުގެ ދުވަސް ކަމުގައި ފާހަގަކުރެވެއެވެ. މި ދުވަހަކީ ދިވެހި ގައުމިއްޔަތާއި މިނިވަންކަން ދެމެހެއްޓުމަށް ދިވެހިން ކުރި ހިތްވަރުގަދަ މަސައްކަތުގެ ހަނދާން އާކުރާ ދުވަހެވެ.