1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ލައިފްސްޓައިލް

ސިކުނޑީގައި ބަސްތައް ރައްކާކޮށް ބޭނުންކުރަނީ ކިހިނެއް؟

Screenshot 2024-11-04 114047
މަރިޔަމް މިސްކް
611ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަޅުގަނޑުމެންގެ "ސިކުނޑީގެ ބަސްފޮތް" ނުަވަތަ މެންޓަލް ޑިކްޝަނަރީއަކީ ވަރަށް ފުޅާ އަދި ވަރުގަދަ ނެޓްވޯކެކެވެ. މި ނެޓްވޯކުގައި ތަފާތު އެކި ބަސްތަކާބެހޭ މަޢުލޫމާތު ރައްކާކުރެވިފައި ހުރެއެވެ. މީގެ ތެރޭގައި ބަސްތަކުގެ މާނަ، އަޑު އަދި އެ ބަސްތަކާއި ގުޅުންހުރި އެހެން ސިފަތައް ހިމެނެއެވެ.

އަލިފުބާގެ ތަރުތީބުން އެކުލަވާލެވިފައިވާ އާދައިގެ ބަސްފޮތަކާއި ޚިލާފަށް، އަޅުގަނޑުމެންގެ ސިކުނޑީގެ ބަސްފޮތް އެކުލަވާލެވިފައިވަނީ އެކިއެކި ޚިޔާލުތަކާއި ވިސްނުންތަކާއި އޭގެ މެދުގައިވާ ގުޅުންތަކުގެ މައްޗަށެވެ. މިގޮތުން، އަޅުގަނޑުމެންނަށް ކުރިމަތިވާ ތަޖުރިބާތަކާއި ވަށައިގެންވާ މާޙައުލާއި ގުޅިގެން ސިކުނޑީގައި ރައްކާކޮށްފައި ހުންނަ ބަސްތައް ހަނދާނަށް ގެނެވެއެވެ.

ކުޑައިރުއްސުރްސުރެ، އަޅުގަނޑުމެން މި ސިކުނޑީގެ ބަސްފޮތް އެކުލަވާލަނީ ތަޢުލީމާއި، ވާހަކަދެއްކުމާއި އަދި އަމިއްލަ ތަޖުރިބާތަކުގެ ތެރެއިންނެވެ. އާންމު ގޮތެއްގައި، ފުރާ ފުރިހަމަވެފައިވާ ބޮޑު މީހަކަށް ދިހަ ހާހަށްވުރެ ގިނަ ބަސް އެނގެއެވެ. އަދި މި ބަސްކޮށާރު އުމުރު މަތިވާ ވަރަކަށް އިތުރުވެއެވެ. ބަސްތައް ވަކިވަކިން ރައްކާކުރުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ ސިކުނޑިން ބަސްތައް ގުޅުވަނީ އެހެން ބަސްތަކާއި، ހަނދާންތަކާއި އަދި އިހުސާސްތަކާއެވެ. މިސާލަކަށް "ކަނޑު" މިބަހާ ގުޅިގެން "ރާޅު" ނުވަތަ "ގޮނޑުދޮށް" ފަދަ ޚިޔާލުތައް ވަގުތުން ހިތަށް އާދެއެވެ. މިއީ މި ގުޅުންތަކުގެ ސަބަބުންނެވެ.

300 × 250

The brain dictionary

އަޅުގަނޑުމެންގެ ސިކުނޑީގެ ބަސްފޮތަށް ލިބޭ އައު ތަޖުރިބާތަކާއި މަޢުލޫމާތުތަކާއި އެއް ވަރަކަށް އަބަދުވެސް ބަދަލުވަމުން ދެއެވެ. އައު ޚިޔާލެއް، މީހެއްގެ ނަމެއް، ނުވަތަ އައު ބުނުމެއް ދަސްވާ ކޮންމެ ފަހަރަކު، އަޅުގަނޑުމެންގެ ސިކުނޑިން މި މަޢުލޫމާތު ރައްކާކޮށް، ސިކުނޑީގެ ބަސްފޮތާއި ގުޅުވައިލައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެން ބަސް ގިނައިން ބޭނުންކުރާ ކޮންމެ ފަހަރަކު، ސިކުނޑިން ގުޅުންހުރި ބަސްތަކާއި ޚިޔާލުތަކުގެ ހަނދާން އާކޮށްދެއެވެ. މީގެ ސަބަބުން، އަޅުގަނޑުމެންގެ ބަހުގެ ޚަޒާނާ މުއްސަނދިވެގެންދެއެވެ.

ބައެއް ފަހަރު، އަޅުގަނޑުމެންގެ ސިކުނޑީގެ ބަސްފޮތް ރަނގަޅަށް މަސައްކަތް ނުކުރެއެވެ. މިސާލަކަށް 'ދުލުގެ ކޮޅުގައި ބަސް އޮތުން' ފަދަ ހާލަތުގައި ބަހެއް ހަނދާނަށް ނާންނަ ކަމުގައިވިޔަސް އެބަހެއް ހަނދާނުގައިވާކަން އިހުސާސްވެއެވެ. މިއީ ވަރަށް އާންމު ކަމެކެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނަށެވެ. ސިކުނޑިއަށް ލިބޭ ގެއްލުމެއް ނުވަތަ ނިއުރޯޑީޖެނެރޭޓިވް ބަލިތަކުގެ ސަބަބުން އެފޭޝިއާ ފަދަ ހާލަތްތައް މެދުވެރިވެ، ބަސްތައް ހަނދާނަށް ގެނައުމަށާއި ބޭނުންކުރުމަށް ދަތިވެދާނެއެވެ.

The brain dictionary 0-37 screenshot

ބަހުގެ ދަތިކަން ދިމާވާ މީހުންނަށް ބަސްތައް ހަނދާނަށް ގެނައުމަށް އެހީތެރިވުމަށް ސިމެންޓިކް ފީޗަރ އެނަލިސިސް އަދި ފޮނޮމޯޓަރ ޓްރީޓްމެންޓް ފަދަ ފަރުވާތައް ކުރެވެއެވެ. އަދި ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން މިފަދަ ފަރުވާތައް ފަސޭހައިން ލިބެން ހުރެއެވެ.

ސިކުނޑީގެ ބަސްފޮތް ކުރިއެރުވުމަށްޓަކައި ގިނަގިނައިން ފޮތްތަކާއި މައުލޫމާތު ލިބޭ ލިޔުންތައް ކިޔުމާއި، އައު ބަސްތައް ވާހަކަދެއްކުމުގައި ބޭނުންކުރުމަކީ ބޭނުންތެރި ކަމެކެވެ. ހަނދާން ވަރުގަދަކުރުމަށް ކްރޮސްވާޑް ޕަޒްްލްސް ފަދަ ހަރަކާތްތައް ހެދުމުން ބަސްތައް ހަނދާންކުރުމުގެ ޤާބިލުކަން އިތުރުވެ، ތިބާގެ ބަސްކޮށާރު މުއްސަނދިވުމަށް އެހީތެރިވެދޭނެއެވެ.

އަޅުގަނޑުމެންގެ ސިކުނޑީގެ ބަސްކޮށާރަކީ ހަމައެކަނި މުޢާމަލާތްކުރުމަށް ބޭނުންކުރާ އާލާތެއް ނޫނެވެ . އެއީ އަޅުގަނޑުމެންގެ ތަފާތު ތަޖުރިބާތަކާއި އަމިއްލަވަންތަކަމުގެ ރަމްޒެކެވެ. އަދި އެއީ އެހެން މީހުންނާ ގުޅުން ބަދަހިކޮށް، އަމިއްލަ ޝުޢޫރުތައް ފާޅުކުރާ ގޮތް ބައްޓަންކުރުމުގައި ވަރަށް މުހިންމު ވަސީލަތެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި