ހަޔާ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު "ގައުމީ ދިރާސާ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އެކުލަވާލައި، އެ ކައުންސިލަށް މެންބަރުން އައްޔަނުކޮށްފިއެވެ. މި ކައުންސިލަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވެވަޑައިގެންނެވި ވަޢުދުފުޅެއް ފުއްދުމުގެ ގޮތުން އުފައްދާފައިވާ ކައުންސިލެކެވެ. ކައުންސިލަށް މެންބަރުން އައްޔަނުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައެވެ. ކައުންސިލަށް އައްޔަނުކުރެވުނު މެންބަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އާއިޝަތު ހިކުމާއެވެ. ގައުމީ ދިރާސާ ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގެ އިލްމީ ދިރާސާ ކުރުމާއި އޭގެ އަލީގައި ފިކުރީ މުދާ އުފެއްދުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، "ގައުމީ ދިރާސާ ފަންޑު" ހިންގައި ބެލެހެއްޓުމާއި، ފަންޑުން ޚަރަދުކޮށްގެން ދިރާސާކުރާނެ ދާއިރާތައް ކަނޑައެޅުމާއި، އެ ދާއިރާތަކަށް ފައިސާ ކަނޑައެޅުމުގެ އުސޫލުތައް އެކުލަވާލުމާއި، ފަންޑުން ފައިސާ ދޫކުރާނެ ހަމަތަކެއް ޤާއިމުކޮށް، އެ ހަމަތައް ތަންފީޛުކުރުންވެސް ހިމެނެއެވެ. ގައުމީ ދިރާސާ ކައުންސިލަށް ޖުމްލަ 9 މެންބަރުން އައްޔަނު ކޮށްފައި ވެއެވެ. ރާއްޖޭގައި ދިރާސާ ކުރުމުގެ ދާއިރާގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މުއައްސަސާތަކާއި، އުފެއްދުންތެރި އިޖާދީ މަސައްކަތްކުރާ މުއައްސަސާއެއް، އަމިއްލަ ކޮލެޖެއް އަދި ފިނޭންސް މިނިސްޓްރީ ތަމްސީލުކުރާ ފަރާތްތައްވެސް މި ކައުންސިލުގައި ހިމެނެއެވެ. ގައުމީ ދިރާސާ ކައުންސިލަށް އައްޔަނުކޮށްފައިވާ މެންބަރުން؛
- ހަޔާ އެޑިޔުކޭޝަން މިނިސްޓަރު އައްޔަންކުރައްވާ ފަރާތް (ކައުންސިލް ޗެއާ): ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު
- ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ ތަމްސީލު ކުރާ ފަރާތް: ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ޝަޝީ
- ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ތަމްސީލު ކުރާ ފަރާތް: އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. ރަހީމާ އަބްދުލްރަހީމް
- ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ ތަމްސީލު ކުރާ ފަރާތް: އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. ވިސާލް މޫސާ
- ރާއްޖޭގައި ދިރާސާ ކުރުމުގެ ދާއިރާގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މުއައްސަސާއެއް ތަމްސީލު ކުރާ ފަރާތް: ސީޑީއީ ކޮންސަލްޓިން އިންޖިނިއަ، ޑރ. ނަޝްވާން މަތީން
- ރާއްޖޭގައި ދިރާސާ ކުރުމުގެ ދާއިރާގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މުއައްސަސާއެއް ތަމްސީލު ކުރާ ފަރާތް: މޯލްޑިވިސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު މުހައްމަދު ޝިމާލް
- އުފެއްދުންތެރި އިޖާދީ މަސައްކަތްކުރާ މުއައްސަސާއެއް ތަމްސީލު ކުރާ ފަރާތް: ލޮޓީ ފައިލްސްގެ އިންޖިނިއަރިން މެނޭޖަ އޮފް އާރުއެންޑްޑީ، ނާއީލް އަބްދުލްރަހްމާން
- އަމިއްލަ ކޮލެޖެއް ތަމްސީލު ކުރާ ފަރާތް: ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަ ޑރ. މުހައްމަދު އާދިލް
- ފިނޭންސް މިނިސްޓްރީ ތަމްސީލު ކުރާ ފަރާތް: ފިނޭންސް މިނިސްޓްރީގެ ޗީފް އެކައުންޓްސް އެގްޒެކެޓިވް ޗީފް އެކައުންޓްސް އެގްޒެކިއުޓިވް މުހައްމަދު މާއިޒް މުނާޒް







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.