އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އަމީނީ މަގު މަރާމާތުކޮށް ނިންމަން ހަމަޖެހިފައިވާ ކަމަށް ހާމަކުރައްވައިފިއެވެ.
އަމީނީ މަގުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ)އިން ވިދާޅުވިވެފައިވާ ގޮތުގައި، މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލުމަށްފަހު ދެން ކުރިއަށް ދާނީ ސެގްމަންޓް 2 ގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތްކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. މި މަސައްކަތްތައް އަންނަ ނޮވެންބަރު މަހުގެ ތެރޭ ނިންމާލުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
އަމީނީ މަގު އަލުން މަރާމަތު ކުރުމުގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަޙައްދުތަކުގައި ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
އަމީނީމަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.އަމީނީމަގު މަރާމަތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
އެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ފުރަތަމަ ސެންގްމަންޓުގައި ކުރިން އަޅާފައި އޮތް ތާރުގަނޑު ނެގުމުގެ މަސައްކަތެވެ. އަދި އެއަށްފަހު ސަބްބޭސްގެ މަސައްކަތް ފަށާނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
އަމީނީ މަގު މަރާމާތު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް ވަނީ ބަންދުކޮށްފައެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ވަނީ ތަރައްޤީކޮށްފައެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ.
ނަމަވެސް އެ މަގުގެ ތާރު ގަނޑު ހަލާކުވެ އަލުން މަރާމާތު ކުރަން ޖެހުނީ، ކުރިން ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުންކަމަށް ކަމުގެ ފަންނީ ބޭފުޅުން ފާހަގަކުރައްވައެވެ. ޚާއްސަކޮށް އެ ސަރަޙައްދަކީ ބަސްދަތުރުކުރާ ސަރަޙައްދަކަށް ވުމުން ތާރުގަނޑު ހަލާކުވުމުގެ ފުރުޞަތު އޮވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.