6 ނޮވެމްބަރ 2024 ގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލްގެ ވެލިޑޭޝަން ބައްދަލުވުން ބާއްވައިފިއެވެ.
އިއްޔެ މި ވެލިޑޭޝަން ބައްދަލުވުމަކީ 2012 ވަނަ އަހަރު ޢަމަލުކުރަން ފެށި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ހުރުމުގެ ސަބަބުން، ޤާނޫނަށް ގެންނަން ފެންނަ މުހިންމު އިޞްލާޙުތަކެއް ދެނެގަނެވި އެތައް މަޝްވަރާތަކެއް ކުރުމަށްފަހު، ބޭއްވުނު ބައްދަލުވުމެކެވެ.
އެބައްދަލުވުމުގައި ކަމާގުޅުންހުރި މުއައްސަސާތައް ބައިވެރިވެފައިވެއެވެ.
އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް ގެނައުމަށް ހުށަހަޅާ އިޞްލާޙުތަކުގެ ތެރެއިން، ގެވެށި ގުޅުމާއި، ގެވެށި އަނިޔާގެ ޢަމަލުތަކާއި، ކުށާއި އަދަބާ ގުޅޭ ގޮތުން މަޝްވަރާކޮށް، މަޝްވަރާކުރެވުނު ކަންކަން ހުށަހަޅާފައެވެ.
އެއާއެކު، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް ގެނައުމަށް ހުށަހަޅާ އިޞްލާޙުތަކުގެ ތެރެއިން، މުއައްސަސާތަކުގެ ދައުރުވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. މިގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، އިޖުތިމާޢީ އަދި ޞިއްޙީ ޚިދުމަތުގެ ދާއިރާގެ އިތުރުން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ދައުރަށް އަލިއަޅުވާލާފައިވެއެވެ.
މީގެ އިތުރުން، ޤާނޫނީ ފަރުވާތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކުގެ ތެރެއިން، ރައްކާތެރިކުރުމުގެ އަމުރާއި، ރައްކާތެރިކުރުމުގެ އަވަސް އަމުރާއި، ތަފްރީޤަށް ގެނެވޭ އިޞްލާޙުތައްވެސް މަޝްވަރާކޮށްފައިވެއެވެ.
ގެވެށި އަނިޔާގެ މައްސަލަތަކުގައި މަސައްކަތްކުރާ ނިޒާމުގައި، ނިޒާމީ ގޮތުން ހުރި ހުރަސްތައް ނައްތާލުމަށްޓަކައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ވުޖޫދުވުމުގެ މަޤްޞަދު ހާޞިލުކުރުމަށްޓަކައި ޤާނޫނުގެ ރޫޙާ އެއްގޮތަށް ނިޒާމު ބަދަލުކޮށް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ދީފައިވާ ރެގިއުލޭޓަރީ ބާރުތައް ފުޅާކޮށް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ ގެވެށި އަނިޔާގެ މައްސަލަތަކަށް ފާރަވެރިވާނެ ޚާއްޞަ އިދާރާގެ ގޮތުގައި ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ.
އެހެންކަމުން، މިއީ ގެވެށި އަނިޔާގެ މައްސަލަތަކުގައި މުޅި މި ނިޒާމް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.