މުޖުތަމައުގެ ތެރޭގައި މުދައްރިސުންނަކީ ގަދަރުވެރި، އިހުތިރާމް ލިބިފައިވާ ބަޔަކަށް ހަދަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު  ވިދާޅުވެއްޖެއެވެ.

މުދައްރިސުން ތަމްރީން ކުރުމުގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރު ވިދާޅުވީ ދިރާސާތަކުން ދައްކާގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ތައުލީމީ ނިޒާމެއް އޮތް ގައުމުތަކަކީ އެނިޒާމްތަކުގެ ތެރޭގައި މުދައްރިސުންނަށް ގަދަރާއި އިހްތިރާމް ދޭ ގައުމުތައް އޮންނަ ގައުމުތައް ކަމަށެވެ. އެކަން ކުރެވޭނީ މުޅި މުޖުތަމައު އެކުގައި ގުޅިގެން ކަމަށެވެ..

ގައުމީ ޓީޗަރުންގެ ތަމްރީން ޕްރޮގްރާމަކީ ފެންވަރު ރަނގަޅު ޓީޗަރުން ދާއިރާއަށް ލިބުން ދަތިވެފައިވާތީ އެކަން ހައްލުކުރުމުގެ މަގްސަދުގައި ފެށުނު ޕްރޮގްރާމެއް ކަމަށެވެ.

މިގެ އިތުރުން މިނިސްޓަރުނވިދާޅުވީ ހާއްސަކޮށް ވަކިވަކި މާއްދާތައް ކިޔަވައިދޭ ޓީޗަރުން ލިބުން މިހާރު ވަރަށް ބޮޑަށް ދަތިވެފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ އިނގިރޭސި އާއި ހިސާބާއި ސައިންސްގެ މާއްދާތައް ކިޔަވައިދޭ ޓީޗަރުން ލިބުން އިންތިހާއަށް ދަތިވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރައްވަނީ އެކަން ހައްލު ކުރައްވަން ކަމަށެވެ.