ދެ މިނިސްޓްރީއަކާއި، މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި ޓިނު ބިލްޑިންގާއި އެ ތަނާ ޖެހިގެން ހުންނަ ގްރީން ބިލްޑިންގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ހުޅުޖަހައިގެން ހިންގާފައިވާ ހާދިސާއެއް ނޫންކަން ތަހުގީގުން ސާބިތުވެފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު އިހުސާން ވިދާޅުވީ، ދިވެހި ފުލުހުންނާއި އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަމާ އެކު މި ހާދިސާގެ ތަހުގީގު މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓް ވަޔަރުތަކެއްގައި ރޯވެގެންކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތަހުގީގުގެ ތަފްސީލު ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ: "މިއީ ބަޔަކު މީހުން ގޮސް އަލިފާން ޖަހާފައި އޮތް ހާދިސާއެއްގެ ގޮތުގައެއް ނޫން އަޅުގަނޑުމެންނަށް ތަހުގީގުން ދައްކަނީ، ކަރަންޓުގައި ރޯވެފައި، އެންމެ ފުރަތަމަ އިނީޝަލް ސްޓޭޖްގައި ފުލުހުން އެތަނަށް އެޓެންޑްވެގެން ނަގާފައި ހުރި ފުލުހުންގެ ބޮޑީކެމްގެ ވީޑިއޯ ފުޓޭޖުން އަޅުގަނޑުމެންނަށް ސާބިތު އެބަ ވޭ އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ ސީލިންގަނޑު ތެރޭގައި އެއާކޮންޑިޝަނާ ތަކެއްގެ ވައިރުތަކެއްގައިކަން،" އެވެ. އަދި މި ހާދިސާގެ ތަހުގީގުން ފާހަގަވި މައުލޫމާތުތައް ވަރަށް އަވަހަށް ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގި ޓިނު ބިލްޑިންގާއި، އެންވަޔަރަމެންޓް މިނިސްޓްރީ ހިންގި ގްރީން ބިލްޑިން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މި ހާދިސާއާ ގުޅިގެން މިހާރު އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ކުރިއަށް ގެންދަނީ ދަރުބާރުގޭގައެވެ.

އެ ހާދިސާ ތަހުގީގުކުރަން ދިވެހި ފުލުހުންނާއެކު އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް ވަނީ ހަރަކާތްތެރިވެފައެވެ.