ރާއްޖޭގެ ހަތް ރަށެއް އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅައި، ހައުސިން މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ. މި ނިންމުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.
ހައުސިން މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކަކީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއެވެ.
މި ނިންމުމަކީ ރައީސް މުހައްމަދު މުއިއްޒުގެ އިންތިޚާބީ މެނިފެސްޓޯގައި ހިމެނޭ ވައުދެއް ފުއްދުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ. މެނިފެސްޓޯގައިވާ ގޮތުން ހަތް އާބަން ސެންޓަރުގެ އިތުރުން އުތުރާއި ދެކުނުގައި ޑިވެލޮޕްމަންޓް ޒޯނެއް ކަނޑައަޅާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އުތުރުގެ ތަރައްގީގެ ޒޯނުގައި ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅު ހިމެނޭއިރު، މި ޒޯނުގެ މައި ހަބަކީ ހދ. ކުޅުދުއްފުށި ކަމުގައި ވަނީ ކަނޑައަޅާފައެވެ. ދެކުނުގެ ތަރައްގީގެ ޒޯނުގައި ގއ. އަތޮޅާއި، ގދ. އަތޮޅާ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭއިރު، މި ޒޯނުގެ މައި ހަބަކީ އައްޑޫ ސިޓީ ކަމުގައި ވަނީ ކަނޑައަޅާފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ބައެއް އާބަން ސެންޓަރުތައް އިއުލާންކުރައްވާފައެވެ. އޭގެ ތެރޭގައި ރ. އުނގޫފާރު، ފ. ނިލަންދޫ އަދި ދ. ކުޑަހުވަދޫ ހިމެނެއެވެ.






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.