2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސް މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ. މަޖިލިހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން އެންމެ ފަހު ކަމަކަށް އޮތީ ބަޖެޓަށް ބަހުސް ކުރުމެވެ.

ސަރުކާރުން ހުށަހަޅާފައިވާ މި ބަޖެޓަކީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ބަޖެޓުގެ މަސައްކަތް މި މަހުގެ 20 ވަނަ ދުވަހަށް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، ބަޖެޓު ފާސްކުރަން ކުޑަ ދުވަސްކޮޅެއް ބާކީ އޮތްއިރު، އިދިކޮޅު ފަރާތްތަކުން ވަނީ ބައެއް ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން ފާޅުކުރާ މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި ކައުންސިލްތަކަށް ދޭ ބަޖެޓު ކުޑަކޮށްފައިވާ ކަމާއި، ބަޖެޓު ފޮތް އަދިވެސް ލިބިފައިނުވާ ކަން ހިމެނެއެވެ.

2024 ވަނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށެވެ. މި ދާއިރާއަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ކަނޑައަޅާފައިވާކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިއަށް އޮތީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއް ކަމަށް ވިދާޅުވެފައެވެ.