ދަރަނި ނަގައި، ފައިސާ ޗާޕުކޮށްގެން ކުރީ ސަރުކާރުން ކަންކަން ކުރީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ރޭ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ މި ސަރުކާރަށް ފާޑުވިދާޅުވެ، ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟް، އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. ޑރ. އިޔާޟް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި، ކޮވިޑުގެ ދަތި ދުވަސްވަރު އިގުތިސާދަށް ބައި ރުފިޔާ އެއްވެސް ނުވަންއިރު ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ އެއްވެސް ކަމަކަށް ލޮޅުމެއް އަރާފައިނުވާ ކަމަށެވެ. ޑރ. އިޔާޟް މިހެން ވިދާޅުވީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދެމުން އަންނަ އިނާޔަތް މަދުން އާމްދަނީ ލިބޭ މީހުންނަށް އެކަނި ދޭ ގޮތަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. ޑރ. އިޔާޟްގެ ވާހަކަތަކާ ގުޅިގެން މިނިސްޓަރު ޑރ. މުއްޠަލިބް ވިދާޅުވީ ކުރީ ސަރުކާރުން ޒިންމާދާރު ކަމެއްނެތި ދަރަނި ނަގައިގެންނާއި، ފައިސާ ޗާޕުކޮށްގެން ރިކަރަންޓު ޚަރަދު ކުރުމުގެ ނަތީޖާއަކީ ދައުރު ނިމުނުއިރު، ދައުލަތުގެ ދަރަނި 123 ބިލިއަން ރުފިޔާއަށް އިތުރުވެ، ދަރަނި ދެއްކުމަށް ކުރަންޖެހޭ ޚަރަދު އަހަރަކު 7 ބިލިއަނަށްވުރެ އިތުރުވެގެން ދިއުން ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އޭގެތެރެއިން ބޮޑު ބަޔަކީ އިންޓަރެސްޓަށް ދައްކަންޖެހޭ ފައިސާއެވެ. މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ދަރަންޏަށް ފައިސާ ލިބުން ދަތިވެ، ސަރުކާރުން ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދެވި، އެތައް ވިޔަފާރިއަކަށް އަސަރުކޮށް، ގައުމުގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރި ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓަށް ނުކަތާ ވަރަށް، ޚަރަދު ކުރަން ފައިސާ ހޯދޭނެ ގޮތަކަށް ބެލުމެއް ނެތި، 39 ބިލިއަން ރުފިޔާއަށްވުރެ ގިނަ މަޝްރޫއު ފެށުމުގެ ނަތީޖާ އަކީ ގިނަ ޕްރޮޖެކްޓްތަކެއް ރިޔާސީ އިންތިޚާބު ނިމުމާއެކު ހުއްޓާލަންޖެހުން ކަމަށެވެ.
މިއީ ޒިންމާދާރު ކަމާއެކު ކޮށްފައިވާ ކަމެއްނޫން. އިޔާޟަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
ގައުމުގެ މަސްލަހަތު ވަކި ބައެއްގެ މަސްލަހަތަށްވުރެ ބޮޑުވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ހަގީގީ އިޚްލާސްތެރި ވެރިންނަކީ ރައްޔިތުންނަށް އޮޅުވާލުމެއްނެތި ގައުމަށް ދެމެހެއްޓެނިވި ތަރައްގީ ގެނެސް، ރައްޔިތުންނަށް ދެމެހެއްޓެނިވި ޚިދުމަތްތަކެއް ދެވޭނެ ގޮތަކަށް ސިޔާސަތު ބައްޓަންކުރާ ވެރިން ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.