1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޑިމާންޑް ތަކަށް ހައްލެއް ހޯދައި ނުދެވިއްޖެ ނަމަ މިއަށްވުރެ ވަރުގަދަ އިހްތިޖާޖެއް ކުރާނަން: ސިވިލް ސާވަންޓް އެސޯސިއޭޝަން

242228440_401398491431616_1359841766119755281_n
ހުވަދޫ ނިއުސް ޓީމް
605ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލައިގައި މުވައްޒަފުން ޑިމާންޑް ކޮށްފައިވާ ކަންތައްތައް ހައްލުކޮށް ނުދެވިއްޖެ ނަމަ މިހާރު މުވައްޒަފުން ކުރިއަށް ގެންދާ އިހްތިޖާޖަށްވުރެ ވަރުގަދަކޮށް މިއަންނަ ހަފްތާގައި މިހާރަށްވުރެ ގިނަ މުވައްޒަފުންނާއެކު އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް މޯލްޑިވްސް ސިވިލް ސަރވިސް އެސޯސިއޭޝަން އިން ބުނެފިއެވެ.

އެސޯސިއޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މުވައްޒަފުންނަށް މުސާރަ ކަނޑައެޅުމުގައާއި އުޖޫރަ އިތުރު ކުރުމުގައި މީހުންގެ މެދުގައި ތަފާތުކޮށްގެން ނުވާނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، ސިވިލް ސަރވިސް ކޮމިޝަންގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އިންތިހާ ދަރަޖައަށް ބޮޑުކޮށް، ސިވިލް ސަރވިސްގެ އެހެން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކޮށްނުދީ ހިފަހައްޓާފައިވާ ހިފެހެއްޓުން ކުއްވެރި ކުރާ ކަމަށެވެ.

އަދި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހައްގުތައް ހޯދުމަށް އެއެސޯސިއޭޝަނުން މުވައްޒަފުންނާއެކު ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި، ނަމަވެސް ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތް ހުއްޓާލުމަކީ މުޅި ދިވެހި ސަރުކާރު ހުއްޓިދާފަދަ ކަމަކަށް ވީހިނދު، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ހައްގުގައި، ދިވެހި ރާއްޖޭގެ ސިވިލްސަރވިސް ކޮމިޝަނާއި ކަމާއި ގުޅޭ ސަރުކާރުގެ އެކި އިދާރާތަކަށް ސިވިލްސަރވިސްގެ މުވައްޒަފުންނަށް ޖަވާބުދާރީވުމަށް 2 ދުވަހުގެ މުހުލަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

300 × 250

މި ދެދުވަސް ތެރޭގައި ސިވިލް ސަރވިސް މުވައްޒަފުން ޑިމާންޑް ކޮށްފައިވާ ކަންތައްތަކަށް ހައްލު ލިބޭނެ ކަން ބަޔާންކޮށް ބަޔާނެއް ނުނެރުއްވައިފިނަމަ، ޖެހިގެން އަންނަ ހަފްތާގެ އާދީއްތަ ދުވަހު މިހާރަށްވުރެ ގިނަ މުވައްޒަފުންނާއެކު އެއަށްވުރެ ބޮޑު އިހުތިޖާޖެއް ކުރިއަށް ގެންދާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރަށް ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފަރާތުން ކޮށްފައިވާ ޑިމާންޑް ތަކަކީ، މިނިމަމް ވޭޖް އެއީ އަސާސީ މުސާރަ ކަމަށް ކަނޑައަޅައި ދިނުމާއކ، އެސް އެސް 1 އިން އެމްއެސް 1 އަށް މުސާރައިގެ ކުރިއެރުން ދިނުމާއި، މަގާމްތަކަށް ސެޓްފިކެޓް ކުރިއެރުން ލިބޭނެގޮތް ހަމަޖައްސައި ދިނުމުގެ އިތުރުން  ލިވިން އެލަވަންސް ލިބޭނެގޮތް ހަމަޖައްސައި ދިނުމެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް މުވައްޒަފަކަށް ބިރުދައްކާ ފިޔަވަޅު އަޅައިފިނަމަ، ދައުލަތުގެ އެންމެހާ މުވައްޒަފުންނާއި އެސޯސިއޭޝަނުން އެމުވައްޒަފެއްގެ ހައްގުގައި މަގުމައްޗަށް ނިކުންނަންވެސް ފަސްނުޖެހޭނެ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި