އިލެކްޝަންސް ކޮމިޝަނުން (އީސީ) މިއަދު "މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ" ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފިއެވެ.
މި ހުއްދަ ދީފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވިގޮތުގައި، މި ޕާޓީ އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ދީފައިވަނީ ގ. ކްރެބްޓްރީ، އަލީ އަހުމަދަށެވެ. ޕާޓީ ރަޖިސްޓްރީ ކުރުމަށްޓަކައި މަދުވެގެން 3،000 މީހުންގެ ސޮޔާއެކު ހުށަހަޅަންޖެހޭނެއެވެ. މި އަދަދަށް ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 3 މަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
މިހާރު ރާއްޖޭގައި 11 ސިޔާސީ ޕާޓީ އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވެއެވެ. މީގެ ތެރޭގައި އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، އަދާލަތު ޕާޓީ، އެމްޑީއޭ، އެމްޓީޑީ، ޕީއެންސީ، އެމްއާރްއެމް، އެމްއެންޕީ، ދަ ޑިމޮކްރެޓްސް އަދި ޕީއެންއެފް ހިމެނެއެވެ.
މި ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ އެމްޑީޕީގައެވެ. އެއީ 50,851 މެންބަރުންނެވެ. ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބީ ޕީޕީއެމްގައި ކަމަށްވާއިރު، އެ ޕާޓީގައި 34,698 މެންބަރުން ތިބިކަމަށް ވެއެވެ. ތިންވަނައަށް އެންމެ ގިނަ މެންބަރުން ތިބީ ޕީއެންސީގައި ކަމަށްވާއިރު، އެ ޕާޓީގައި 28,983 މެންބަރުން ތިބިކަމަށް ވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.