ކުރީގެ ވެރިކަންތަކުގައި ވިލުފުށި ދާއިރާއަށް ވީ ހުސް އިހުމާލު ކަމަށާއި، ރައްޔިތުން އެ ކަންކަމަށް މާފެއްނުކުރާނެ ކަމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު މިއަދު ވިދާޅުވެއްޖެއެވެ. ޙަސަން ވަޙީދު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުންނެވެ. 2025 ގެ ބަޖެޓުގެ ތެރެއިން، ދާއިރާގެ ރަށްތަކުގައި މިހާރުން މިހާރަށް ހައްލުކުރަންޖެހޭ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މި ސަރުކާރުން ވިލިފުށީ ދާއިރާއާމެދު އިހުމާލުނުވާނެ ކަމަށް ވަޙީދު ވިދާޅުވިއެވެ.
ކުރީގެ ވެރިކަންތަކުގައި އަޅުގަނޑުމެންގެ ތ.އަތޮޅަށް ވެފައިވާ އިހުމާލު މި ވެރިކަމުގެ ތެރެއިން ނިމުމަކަށް ގެނެސްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންގެ ރައީސް އަޅުގަނޑުމެންނަށް ވަނީ ދެއްވާފަ.
މެންބަރު ވިދާޅުވީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތަކީ ފަތުރުވެރިކަން ކަމަށާއި، މި ސިނާއަތަށް ބައިގަރުނު ވެގެންދިޔައިރު މިއަދާ ހަމައަށް ތ.އަތޮޅުގައި އޮޕަރޭޓް ކުރަމުންދަނީ އެންމެ ރިސޯޓެއް ކަމަށެވެ. މިކަމުން ވެސް ދޭހަކޮށްދެނީ ތ.އަތޮޅަށާއި، ވަކިން ޚާއްސަކޮށް ވިލުފުށި ދާއިރާއަށް އެކި ވެރިކަންތަކުގައި ވެފައިވާ އިހުމާލު ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ އެ ބޭފުޅުން މިކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ދާއިރާގެ ރައްޔިތުންނާމެދު ވެފައިވާ އިހުމާލަށް އަޅުގަނޑުމެންގެ ދާއިރާގެ ރައްޔިތުން މާފެއްނުކުރާނެ.
މެންބަރު ވިދާޅުވީ ވިލިފުށީ ދާއިރާގެ ރައްޔިތުންނަކީ ވެސް ދައުލަތަށް ޓެކްސް ދައްކަމުންދާ ބައެއް ކަމަށާއި، ދާއިރާގެ ރައްޔިތުންގެ ފައިސާއިން ދާއިރާގެ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުފޯރާގޮތަށް ކަންކަން ކޮށްފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ވަޙީދު ވިދާޅުވި ގޮތުގައި މި ވެރިކަމުގައި ވިލުފުށި ދާއިރާއަކީ އެކަހެރިކޮށްލާނެ ދާއިރާއެއް ނޫނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.