އަންނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑާއި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ލިބޭނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިހުސާން މިހެން ވިދާޅުވީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަޝްރޫއުގެ އިފްތިތާހު ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މިއަދަކީ ތާރީހީ ދުވަހެއް ކަމަށާއި، އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުން ތިބި ހިސާބަކުން ލިބޭނެކަމުގެ ޔަގީންކަން ލިބިގެން ދިއުމަކީ ވަރަށްބޮޑު ކާމިޔާބެއް ކަމަށެވެ.
"ރައީސްގެ ރިޔާސީ ވައުދުފުޅެއް ރައްޔިތުންނާ ގާތުން ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑު ޕްރިންޓް ކުރެވި ދޫކުރެވި އަދި އޭގެ އިތުރުން ޕާސްޕޯޓު ދޫކުރެވޭނެ ހިދުމަތް ފެށިގެން ދިއުމަކީ," އިހުސާން ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އައިޑީކާޑާއި ޕާސްޕޯޓަކީ ވަރަށް ރައްކާތެރިކަމާއެކު ބެލެހެއްޓޭ ނިޒާމަކަށް ވާތީ، އެހިދުމަތް އަތޮޅުތެރެއަށް ފުޅާވީ ނަމަވެސް ޑިޕާޓްމަންޓު އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އެއްވެސް އެޕްލިކޭޝަނެއް ޕްރިންޓް ކުރުމުގެ ހުއްދަ ދޭނީ ބަލަންޖެހޭ ކަންކަން ބަލައި ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ގްރޭޓަރ މާލޭ ސަރަހައްދާއި ބައެއް ރަށްރަށުގައި މިހާރު ހިދުމަތް ފަށާފައިވާކަން އިއުލާންކޮށްފައެވެ. މާލޭ ފިޔަވައި މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބޭ ތަންތަނުގެ ތެރޭގައި ހިމެނެނީ ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 ގެ އިތުރުން ވިލިމާލެ، ލ. ފޮނަދޫ އަދި ދ. ކުޑަހުވަދޫ އެވެ. އަދި އައިޑީކާޑުގެ ހިދުމަތް ފަށާފައި ވަނީ ހުޅުމާލޭގެ ފޭސް 1 އާއި 2 ގެ އިތުރުން ވިލިމާލެ އާއި ހދ. ކުޅުދުއްފުށީގައެވެ.
އަންނަ އަހަރު މި ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރަން ސަރުކާރުން ނިންމާފައިވާގޮތުގެ މަގުޗާޓުވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ހިއްސާ ކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.