މާލޭގެ ލިލީމަގުގައި ހުންނަ މުލިޔާގެ ވެހިކަލް ގަރާޖު، ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްގީކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ނިންމެވުން ރައީސް ޑރ މުއިއްޒު އިއްޔެ ނިންމެވީ, ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހުށަހެޅުއްވި ހުށަހެޅުމަކާ ގުޅިގެން ކަމަށެވެ. މިގޮތުން، މުލިޔާގެ ގަރާޖު ހުންނަ އިމާރާތާއި ގޯތި މުޖުތަމައަށް ފައިދާހުރި ކަންތައްތަކެއް ކުރާ ތަނަކަށް ބަދަލުކުރުމަށާއި، ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މި ނިންމެވުން ނިންމަވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި މަރުކަޒު ތަރައްގީކުރެވޭނީ "ޒުވާނުންގެ ތަރޑް ސްޕޭސް" ގެ ގޮތުގައެވެ. މީގެ މަގުސަދަކީ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމައުގެ އެކި ފަރާތްތަކާއެކު އިޖުތިމާއީ ގުޅުން ބަދަހިކުރުމެވެ. މި ނިންމެވުން ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކުގައެވެ.
މުލިޔާގެ ވެހިކަލް ގަރާޖު ހުންނަ ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ، މަގުމަތީގެ ކާރުބާރު ބޮޑު ސަރަހައްދެއް ކަމަށްވާތީ، މި މަރުކަޒު ތަރައްގީކުރާއިރު އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެފަދަ، ރަނގަޅު ޓްރެފިކް މެނޭޖްމަންޓް ޕްލޭނަކާއެކު މަސައްކަތް ކުރިއަށް ގެންދިއުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
މި މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓަރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުންތަކާއި، އަދި ކަލިނަރީ އިވެންޓްތައް ހިމެނެއެވެ. މީގެ އިތުރުން، ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް މަގުފަހި ކުރުމަށް ވެސް މި މަރުކަޒުގެ ބައެއް ހާއްސަ ކުރުމަށް ވަނީ ހުށަހަޅާފައެވެ.
"ޒުވާނުންގެ ތަރޑް ސްޕޭސް" ނުވަތަ ޒުވާނުންގެ މަރުކަޒު ފަރުމާ ކުރުމަށް ހުށަހަޅާފައި ވަނީ ޒުވާނުން ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހި ކުރުމަށް މަގުފަހި ކުރެވޭނެ ގޮތަށް، ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ. އަދި މި ކޮންސެޕްޓުގައި، ރާއްޖެއަށް ހާއްސަ ކާބޯތަކެތި (ލޯކަލް ކުއިޒިން) ވިއްކުމަށާއި، އަދި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ކާބޯތަކެތި ވިއްކާ ފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމާއި، ސިއްހަތަށް ފައިދާހުރި ކެއުންތައް ޕްރޮމޯޓްކުރާ، ކެފެޓޭރިއާއެއް ހިމެނުމަށްވެސް ހުށަހަޅާފައިވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.