އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގުގެ ދައުރު މިއަދަށް ހަމަވާނެ އެވެ. ފުއާދު ތައުފީގު ދެވަނަ ދައުރަކަށް އީސީގެ ރައީސްކަމަށް އައްޔަންކުރެވުނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ފުއާދު ތައުފީގަކީ މަލްޓި-ޕާޓީ ޑިމޮކްރެސީގެ ފެހި ގާނޫނު އަސާސީއާ އެކު އީސީގެ ފުރަތަމަ މެންބަރުންގެ ބެންޗުގައި ހިމެނުނު ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ އެ ކޮމިޝަނުގެ ރައީސަކަށް އައްޔަން ކުރެވުނީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހު، އިންތިގާލީ މަރުހަލާގެ ތެރޭގައެވެ.

ފުއާދުގެ ދައުރުގައި، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު، 2009 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު، 2011 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބު، އަދި 2013 ގެ ރިޔާސީ އިންތިޚާބު ބޭއްވުނެވެ. 2013 ގެ ރިޔާސީ އިންތިޚާބުގައި ފުއާދަކީ ކޮމިޝަނުގެ ރައީސެވެ.

މިއަދު މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ފުއާދު ވިދާޅުވީ އޭނާ އިލެކްޝަންސް ކޮމިޝަންގައި ހޭދަކުރެއްވި މުއްދަތުގައި މަސައްކަތަށް އެއްބާރުލުން ދެއްވައި އިތުބާރު ކުރެއްވި ހުރިހާ ފަރާތްތަކަށާއި ސިޔާސީ ޕާޓީތަކަށާއި މުއައްސަސާތަކަށް ޝުކުރު އަދާކުރަށްވާ ކަމަށެވެ.

ފުއާދުގެ ދައުރުގައި އީސީއަށް ބޮޑެތި ބަދަލުތަކެއް ގެނެވުނެވެ. އޭގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް މަސައްކަތް ބިނާކުރުމާއި، ކޮމިޝަނުގެ މަސައްކަތް ޑިޖިޓަލައިޒް ކުރުން ހިމެނެއެވެ. އަދި ވޯޓަރސް ލިސްޓު ފުރިހަމަކުރުމާއި، ރީރެޖިސްޓްރޭޝަން މަރުހަލާގައި އާންމުންނަށް ފަސޭހަ ގޮތްތަކެއް ތަޢާރަފުކުރެވުނެވެ.