1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކޮންމެ ކުއްޖަކަށް އާއިލާއެއް: ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން 54 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި

big_g4lzUG7NJShxNCJFUGJkmDD36
އިޖުތިމާއީ އަދި އާއިލީ ތަރައްގިއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް
މަރްޔަމް ޝަފާ ސައީދު
318ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 54 ކުއްޖަކު މިހާތަނަށް އާއިލާތަކާ ހަވާލު ކޮށްފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގިއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިކަން ހާމަ ކުރައްވައި، ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ހަފްތާ 52" ގައު ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޕްރޮގްރާމަކީ ކޮންމެ ކުއްޖަކީވެސް އާއިލީ ލޯތްބާއި އޯގާތެރިކަމުގެ ތެރެއިން ބޮޑުވާ ކުއްޖަކަށްވުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފެއްޓެވި މަސައްކަތެއްކަމަށެވެ.

"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން، އެކުދިންގެ އަމިއްލަ އާއިލާއާ ހަވާލުކުރުމާއި، އަދި ހަވާލުވާނެ އާއިލާއެއް ނެތް ކުދިންނަށް އާއިލާއެއް ހޯދައިދިނުމުގެ މަސައްކަތް ހިމެނެއެވެ.

300 × 250

ވަޒީރު ވިދާޅުވީ، "އެންމެނަށްވެސް އެނގޭ ކުއްޖަކު ޢާއިލީ ލޯބީގެ ތެރެއިން ބޮޑުވުމުގެ ނަސީބަކީ އެހެން ގޮތަކުން ލިބޭނެ އެއްޗެއް ނޫންކަން. މިދިޔަ 1 އަހަރު ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި 50 އެއްހާ ކުދިންނަށް އާއިލާއެއް ހޯދައިދެވިއްޖެ. މީގެތެރޭގައި ހާލަތު ރަނގަޅުކޮށް އަމިއްލަ އާއިލާއާ ހަވާލުކުރި ކުދިން، ދުރުތާ ތިމާގެ މީހުންގެ ބެލެނިވެރިކަމަށް ގެންދިޔަ ކުދިން އަދި ފޯސްޓަރ އާއިލާތަކާވެސް ކުދިން ހަވާލުކުރިން."

ވަޒީރު ވިދާޅުވީ، އާއިލީ ގުޅުން ނެތް އާއިލާތަކުން ފޯސްޓަރ ކުރާ ކުދިން ބެލުމަށް ދައުލަތުން އެހީވުމުގެ ގޮތުން، އެފަދަ ކުދިންގެ ހަރަދުތައް ބެލެހެއްޓުމަށް 5000 ރުފިޔާގެ އެލަވަންސެއްވެސް ދެމުންދާ ކަމަށެވެ.

ދަޢުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަނީ، ދިމާވާ އެކި މައްސަލަތަކުގެ ސަބަބުން އާއިލާގެ ތެރޭގައި އެވަގުތަށް ބެލެހެއްޓެން ނެތް ކުދިންނެވެ. އެހެންކަމުން ކުދިން އަނބުރާ އާއިލާތަކާ ހަވާލުކުރާއިރު، އާއިލާތެރޭގައި އެފަދަ އަމާން މާހައުލެއް ގާއިމުކުރުމަށް ބޭނުންވާ އެހީތެރިކަންވެސް ވުޒާރާގެ ތެރެއިން ފޯރުކޮށްދެއެވެ.

މީގެއިތުރުން، ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ދޭންޖެހޭ އެހީތެރިކަން ދިނުމާއި، ކުދިންގެ ހުންނަ ހައްސަ ކަންކަމާއި ކުދިން ބެލުމާއި އޯގާތެރިކަން ދިނުމުގައި އާއިލާތަކުން ގެންގުޅެންޖެހޭ އުސޫލުތައްވެސް ވުޒާރާގެ ފަރާތުން ހިންގާ ހާއްސަ ޕްރޮގްރާމްތަކުގައި ފޯރުކޮށްދެއެވެ.

ވަޒީރު ވިދާޅުވީ، ކުދިން އާއިލާއަކާ ހަވާލުކުރުމަށް ފަހުގައިވެސް އެ ކުދިންގެ ހާލަތު ބެލުމުގެ މަސައްކަތްތައް ގަވައިދުން ކުރިއަށްގެންދާ ކަމަށެވެ. އަދި ކުއްޖާގެ ކިޔެވުމުގެ ކަންކަމާއި، ވަކި އުމުރަކަށް ދިއުމުން ކުދިންނަށް މަތީ ތައުލީމާއި ހުނަރު ދިނުމުގެ ޕްރޮގްރާމްތައް ހިންގައި، ވަޒީފާގެ ފުރުސަތުތައްވެސް ދަނީ ފަހި ކޮށްދެމުންނެވެ.

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަންކަން ބެލެހެއްޓުން ހަރުދަނާ ކުރުމަށް "ސްޓޭޓް ކެއަރ ސަރވިސަސް" ގެ ނަމުގައި ހާއްސަ ޑިޕާރޓްމަންޓެއް ވެސް ވަނީ އުފައްދާފައިކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

މި ޕްރޮގްރާމްގެ މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކޮންމެ ކުއްޖަކީވެސް ޢާއިލީ ލޯތްބާއި އޯގާތެރިކަން ތަޖުރިބާ ކުރެވި ބޮޑުވާ ކުއްޖަކަށްވުމުގެ ފުރުސަތު ދިނުމަކީ ދަޢުލަތުގެ ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ހަމައެހެންމެ، ދިމާވާ ހާލަތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ނެގިނަމަވެސް، އެންމެ ބޮޑު އަމާޒަކީ ކުދިންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދީ އެކުދިން އާއިލާއަކަށް އަވަހަށް ގާ އަވަހަށް ގުޅުވައި ދިނުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި