ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ، ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށެވެ. އެގޮތުން މިއަދު ހެނދުނު 09:30 އިން މެންދުރު ފަހު 15:30 އާ ހަމައަށް މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވާއިރު، މެޓުން ވިދާޅުވީ ބޯކޮށް ވާރޭވެހި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިހަފުތާ ބަންދުގައި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ އިރު، މިއަދު ވެސް ދަނީ ބޯކޮށް ވާރޭ ވެހި މޫސުން ވަރަށް ގޯސްވަމުންނެވެ.
މެޓް އޮފީހުން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. މި ދުވަސްވަރު އެކި ސަރަހައްދުތަކުގައި ކޮޅިގަނޑުތައް އުފެދެމުންދާކަން ފާހަގަކުރައްވައި، އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ "ލޯ ޕްރެޝަރ ޓަރަފް" އެއްގެ ސަބަބުން، ހުޅަނގު ފަރާތުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދާ ކަމަށެވެ.
ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމަށާއި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.
އެ އިދާރާއިން ވަނީ، މޫސުމާ ގުޅޭ އިތުރު މައުލޫމާތު ޙޯދުމަށް 3323084އަށް ގުޅުމުން އެ މައުލޫމާތު ލިބޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.