މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ގޮތަށް ތަރައްގީކުރުމަށްޓަކައި ބްރިޖް ވިއު ޕްލެޓްފޯމް ރޫޅާލުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން އެ ސަރަހައްދުގައި ބައިނަލްއަގުވާމީ ފެންވަރުގެ ސާފިން އެރީނާއެއް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ރާޅުގަނޑު ސަރަހައްދުގެ މަސައްކަތް މިހާރު ދަނީ ތާވަލާ އެއްގޮތަށް ވަރަށް ހަލުވިކަމާއެކު ކުރިއަށެވެ. މި މަސައްކަތް ފެށުން ލަސްވެފައިވަނީ ރާއްޖޭގެ މޫދު ކުޅިވަރުތަކުގެ ސީޒަން ނިމުމާ ގުޅިގެންނެވެ. މި ސަރަހައްދަކީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނާއި މޯލްޑިވްސް ސާފިން އެސޯސިއޭޝަނުގެ ގިނަ މުބާރާތްތައް ބާއްވާ ތަނެވެ.

ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ސާފިން އެރީނާއެއް އަންނަ އަހަރުގެ ތެރޭގައި ގާއިމު ކުރެވިގެންދާނެއެވެ. އަދި މި އެރީނާގައި ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމާއި، ޚާއްސަކޮށް ސާފިން އެރީނާއެއް ގާއިމުކުރުން ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު މި މަޝްރޫޢުގެ މަސައްކަތް ނިންމައި، ސާފިން އެރީނާ އެސޯސިއޭޝަނާ ހަވާލުކުރުމެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ވަނީ ސާފިން އަދި ބޮޑީބޯޑިންގެ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ބާއްވާފައެވެ. އެންމެ ފަހުން މި ސަރަހައްދުގައި ބޭއްވުނު މުބާރާތަކީ މި މަހުގެ ކުރީކޮޅު ބޭއްވުނު ގައުމީ ބޮޑީބޯޑިން ލީގުގެ ބަނޑުފިލާ ޗެލެންޖެވެ.