މެދުރާއްޖެ ތެރޭގެ ރަށެއްގައި ދިހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި 51 އަހަރުގެ މީހާ، 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މ. އަތޮޅު، ފ. އަތޮޅު، ދ. އަތޮޅު އަދި ތ. އަތޮޅު ހިމެނޭ ސައުތު ސެންޓްރަލް ޕޮލިސްގެ ރަށަކުން އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 51 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުގެ މުއްދަތު ކޮމެޓީއިން އޭނާ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މިފަދަ މައްސަލަތަކުގައި ކުޑަކުދިންގެ ކަރާމާތާއި އެކުދިންގެ ހައްގުތައް ހިމާޔަަތް ކުރުމުގެ ގޮތުން ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ފުލުހުން ކުއްޖާގެ އަތޮޅާއި ރަށެއް ހާމައެއް ނުކުރެއެވެ.