އިސްރާއީލުން ލުބުނާނުގެ ހިޒްބުﷲ އާއިއެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ނިންމައިފިއެވެ.

މިކަން އިއުލާން ކުރެއްވީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ ވަނީ ލުބުނާނުގައި ހިޒްބުﷲ އާއިއެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައެވެ. އަދި އެ އެއްބަސްވުން ފާސް ކުރުމަށްޓަކައި މިހާރުވަނީ ކެބިނެޓަށް ފޮނުވާފައެވެ. އިސްރާއީލުން މިގޮތަށް ނިންމާފައިވަނީ ލުބުނާނާއި ދެކޮޅަށް ކުރާ ހަނގުރާމައިން ގިނަ އަދަދެއްގެ މީހުންނާއި ކުޑަކުދިން ޝަހީދު ވަމުންދާ ދަނޑިވަޅެއްގައެވެ.

ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުގެ ޓީވީ ލައިވްކޮށް ނަތަންޔާހޫ ދެއްވި ބްރީފިންގައި ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމަށް ނިންމާފައިވާ އެއްބަސްވުމުގައި މިހާރު ލިޓާނީ ކޯރުގެ ދެކުނުގައިވާ ސަރަހައްދު ބޯޑަރުގައި ތިބި އިސްރާއީލުގެ ސިފައިން އަނބުރާ ގެނައުމަށާއި، އަދި އޭގެ ފަހުން ހިޒްބުﷲ ބާރު ފޯރުވޭ ސަރަހަދެއްގައި ސިފައިން ތިބިނަމަ އެންމެ ގިނަވެގެން 60 ދުވަހުގެ ތެރޭގައި ޑިޕްލޯއީ ކުރަން ޖެހޭނެ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.