ގަވާއިދާ ޚިލާފަށް މާލޭގެ ބައެއް ކެފޭތަކުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އިއްޔެ ހިންގި ރެއިޑް އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދާ 08 ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، ގަވާއިދާ ޚިލާފަށް އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ 03 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަންގެެ ބެލުމުގެ ދަށަށް ގެންދިޔައީ ދެ ފިރިހެނުންނާއި، އަންހެނެކެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާއި ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހިމެނޭ ގޮތަށް މިދިޔަ އަހަރެއްހައި ދުވަހުގެތެރޭގައި ވަނީ 5000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފައެވެ.
ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރެކޯޑް އަދަދަކަށް އަނބުރާ ގައުމަށް ފޮނުވާލާފައިވާއިރު، އޭގެތެރޭގައި ގަވާއިދާއި ޚިލާފަށް އެކިއެކި ވިޔަފާރިތައް ކުރަމުންދިޔަ ބިދޭސީން ގިނައެވެ.
ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވާލުމުގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ތަފްސީލީ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ބައޯމެޓްރިކްސް ހިމެނޭހެން 10,000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.