މޯލްޑިވްސް އިމިގްރޭޝަންގެ ފަސް މުވައްޒަފަކު ނަހަމަ ގޮތުގައި ފައިސާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގު ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

މިނިސްޓަރު އިހުސާން އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓުގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި މައްސަލަ ތަހުގީގު ކުރަމުންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށެވެ. ތަހުގީގުގެ ތެރެއިން، ތުހުމަތު ކުރެވޭ އޮފިސަރުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައި، އެ ފަރާތްތަކުގެ ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތަހުގީގު ކުރިއަށްދާ ވަރަކުން، މި މައްސަލައިގެ އިތުރު ތަފުސީލުތައް ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަކުރަމުން ގެންދާނެ،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މިފަދަ ޢަމަލުތަކަކީ މި ސަރުކާރުން އެއްވެސް ވަރަކަށް ތަޙައްމަލު ކުރާނެ ކަންކަމެއް ނޫނެވެ. "ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތްކަނޑައި ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ގާނޫނީ ގޮތުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް އަންގަވާފައިވާ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.