ސިއްހީ ހާލުކޮޅު ހުރި ގޮތުން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑރ. އައިޝަތު ރަމީލާ އިސްތިޢުފާ ދެއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ޑރ. އައިޝަތު ރަމީލާގެ ސިއްހީ ހާލުކޮޅު ހުރިގޮތުން މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލްކުރައްވާފައިވާ ކަމަށެވެ.

ރަމީލާ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ނޮވެމްބަރު 17، 2023 ގައެވެ. ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 22 މިނިސްޓްރީގެ ތެރެއިން ރަމީލާ ހިމެނިވަޑައިގަންނަވައެވެ. އެކަމަނާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކެންސަރުގެ ނުރައްކާތެރި ބަލީގެ ޝިކާރައަކަށް އެކަމަނާ ވެވަޑައިގެންނެވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ޑރ. ރަމީލާގެ ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި  އެފަދަ ހީވާގި އަމާނާތްތެރި ޤާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އެމަނިކުފާނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޑރ. ރަމީލާގެ ޚިދުމަތް ދިވެހި ޤައުމަށް ލިބޭނެކަން ޔަޤީންކުރައްވާ ކަމަށް ރައިސް ވިދާޅުވިއެވެ. ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތްﷲ ގެ ތަނަވަސް ރަޙުމަތްފުޅުން އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރައްވައި ރައީސް ވަނީ އެދިވަޑައިގެންފައެވެ.