އިސްލާމިކް މިނިސްޓްރީން ހިންގާ ހާފިޒުން އުމްރާއަށް ފޮނުވުމުގެ މަޝްރޫއުގެ ދަށުން އިތުރު ހާފިޒަކަށް އުމްރާއަށް ދިޔުމުގެ ފުރުސަތު ދެއްވައިފިއެވެ. މި ފަހަރު ފުރުސަތު ދެވިފައިވަނީ އަލްހާފިޒާ ޔުމްނާ އަބްދުލް އަޒީޒަށެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 6 ހާފިޒުންނަށް ފުރުސަތު ދެވިފައިވާއިރު، މީގެ ކުރިން ފުރުސަތު ދެވިފައިވަނީ

  • އަލްހާފިޒް އަލީ ރައީފް
  • އަލްހާފިޒް އާސިރު އާރިފް ޔޫސުފް
  • އަލްހާފިޒް އަޛިން މުޙައްމަދު
  • އަލްހާފިޒާ ސަޚިއްޔާ އަބްދުލްޢަނީ
  • އަލްހާފިޒާ ޝަބީނާ އާދަމް

އިސްލާމިކް މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހާފިޒުންނަށް އުމްރާ ދަތުރު ދެމުން ގެންދަނީ ދީލަތި ފަރާތްތަކުންނާއި އެކި އުމްރާ ގުރޫޕުތަކުގެ ފަރާތުން ލިބޭ އެހީގެ ދަށުންނެވެ. މި މަޝްރޫއު ފެށުނީ ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނިންމުން ފާހަގަކުރެއްވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރުގެ އިއުލާނަކާ އެކުގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ގުރުއާން ހިތުދަސްކުރުމަކީ ވަރަށް ބޮޑު އަދި ވަރަށް މާތް ކަމެއް ކަމަށާއި ހިފްޒުކުރާ ކުދީން އުމްރާއަށް ފޮނުވުމަކީ ހިތްވަރުދިނުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކީރިތި ގުރުއާން ހިތުދަސްކުރުމާއި، ހާފިޒުންގެ އަދަދު އިތުރުކުރުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ކީރިތި ގުރުއާނާއި ބެހޭ މަރުކަޒަށް ހާއްސަ އިމާރާތެއް އެޅުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.