ރާއްޖޭގައި އުޅޭ ދޫނިތަކާއި ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާ ގުޅޭ ދިރާސާއެއް ކުރުމަށް ނިއުޒިލެންޑުގެ ޔުނިވަރސިޓީ އޮފް އޯކްލެންޑާއެކު އެއްބަސްވުމެއް އެކުލަވާލައިފިއެވެ. މި އެއްބަސްވުން އެކުލަވާލާފައިވަނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ޔުނިވަރސިޓީ އޮފް އޯކްލެންޑާ ދެމެދުގައެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމެވެ. އީޕީއޭއިން މަޢުލޫމާތު ދެއްވިގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި އުޅޭ ދޫނިތަކާއި ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާ ބެހޭ ދިރާސާތައް ކުރުމުގައި އެ އެޖެންސީގެ ޤާބިލުކަން އިތުރުކުރުމެވެ.

މީގެ އިތުރުން، މި އެއްބަސްވުމުގެ މުހިންމު ބޭނުމެއްގެ ގޮތުގައި އީޕީއޭއިން ފާހަގަކުރައްވާފައިވަނީ މި ދޫނިތައް އުޅޭ މާޙައުލާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި މުހިންމު ކަންކަން ދެނެގަތުމެވެ. އަދި މި އެއްބަސްވުމަކީ ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު އެހީއެއްކަމަށްވެސް އީޕީއޭއިން ވިދާޅުވެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރެވޭ ދިރާސާތަކުން ރާއްޖޭގެ ދޫނިތަކާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް ލިބި، އެ ދޫނިތަކުގެ ނަސްލު ރައްކާތެރިކުރުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަނެވޭނެ ކަމަށް އުންމީދުކުރެވެއެވެ