މިއަދު ކުރިއަށްދާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދަނީ ރަނގަޅު އިންތިޒާމުތަކާއި، އަމާން ކަމާއި އޮމާންކަމާއި އެކުގައިކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. ހަސަން މިހެން ވިދާޅުވެފައިވަނީ އިންތޚާބުގައި އިންތިޒާމެއް ނެތްކަމަށް މާލެ ސިޓީގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ އަކްރަމް ކަމާލުއްދީން ވިދާޅުވެފައި ވަނިކޮށެވެ. ހަސަން ވިދާޅުވީ މި އިންތިޚާބުގައި އެތައް ހާސް ބަޔަކު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލަމުންދާއިރު، އިންތިޚާބުގެ ކަންކަން ދަނީ ވަރަށް އަމާން ކަމާއި އޮމާން ކަމާއިއެކުގައި ކަމަށެވެ. އިންތިޚާބުގެ އިންތިޒާމުތައް ފެނިގެންދަނީ ވަރަށް ރަނގަޅަށް ކަމަށާއި، މިއިންތިޚާބުގައި މިހާ ގިނަބަޔަކު ވޯޓު ލަމުންދާކަމީ ލިބޭ ހިތްހަމަ ޖެހުމެއްކަމަށް ހަސަން ވިދާޅުވިއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށެއްހައި ކުރިއަށް އެބަދޭ. ވޯޓުލުން ކުރިއަށްދަނީ ރަނގަޅު އިންތިޒާމު ތަކާއިއެކު، އޮމާންކަމާއި އެކު. އެތައް ހާސް ބަޔަކު އެދަނީ މި ހަރަކާތުގައި މުޅި ރާއްޖެއިން ބައިވެރިވަމުން.
– ހަސަން ވިދާޅުވިއެވެ. ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ދިޔަ މީހެއްގެ ކަންބޮޑުވުން ހިމެނޭ މެސެޖެއްގެ ސްކްރީންޝޮޓާއެކު ކުރެއްވި ޓްވީޓެއްގައި އަކްރަމް ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތް ވަރަށް ދޯދިޔާކަމަށެވެ. ގިނަ ވޯޓުފޮށިތައް ކައިރީގައި އިނީ އެންމެ އޮފިޝަލެއްކަމަށާއި، އޭނާ އެކަނި ވޯޓާސްލިސްޓް ޗެކްކުރަމުން އެހެން މަސައްކަތްތައްވެސް ކުރަމުންދާކަމަށެވެ. އަކްރަމް ވަނީ ބައެއް ވޯޓުފޮށިތަކުގައި ނަންބަރު ނެތްކަމަށްބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމްޑީޕީ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9 ޖެހިއިރުއެވެ. ވޯޓުލުން ނިމޭނީ ހަވީރު 5 ޖަހާއިރުވއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.