1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވަޤްފު އިމާރާތް، "ދާރުލްއަރްޤަމް"ގެ ޢަމަލީ މަސައްކަތް ފަށައިފި

ވަޤްފު އިމާރާތް، "ދާރުލްއަރްޤަމް"ގެ ޢަމަލީ މަސައްކަތުގެ ތެރެއިން. --- ފޮޓޯ: އިސްލާމިކު މިނިސްޓްތީ
މަރިޔަމް އަފީފާ
279ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭގައި އަލަށް ތަރައްޤީކުރާ ވަޤްފު އިމާރާތްކަމަށްވާ "ދާރުލްއަރްޤަމް"ގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބިންގާ އެޅި މި އިމާރާތުގެ މަސައްކަތް ކުރަމުންދަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެންނެވެ. ޖުމްލަ 39.4 މިލިޔަން ރުފިޔާ ޚަރަދުވާ މި މަޝްރޫޢަކީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭންސިންގެ ދަށުން ފަންޑުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި އިމާރާތުގެ ބޭސްމަންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ. އިމާރާތުގެ ދެވަނަ ފަންގިފިލީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު ދެން ހުރި ފަންގިފިލާތަކުގައި ޒަމާނީ އޮފީސް ބައިތަކާއި މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެއެއެވެ. މިއިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއް ގޮތުގައި ޤާއިމްކުރާ ބައެކެވެ.

300 × 250

މީގެ އިތުރުން، މި އިމާރާތަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ ފަދަ އިންތިޒާމުތަކާއެކު، ޒަމާނީ ލިފްޓްތައް ހަރުކުރެވިގެން ބިނާކުރާ ތަނެކެވެ. އާރްސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫޢަށް 39.4 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢަށް ފަންޑު ކުރަނީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭސިންގެ ދަށުންކަމަށެވެ.

"ދާރުލްއަރްޤަމް" އިމާރާތުން އަހަރަކު 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މި އާމްދަނީގެ 20 އިންސައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު، ބާކީ 80 އިންސައްތަ ޖަމާކުރާނީ އިސްލާމިކް ވަޤުފް ފަންޑަށެވެ.

މި އިމާރާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ދަށުން، ރާއްޖޭގައި ވަޤުފް ފަންޑު ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ހޯދުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި