ދައުލަތަށް އެންމެ ގިނަ އަދަދަކަށް ޓެކްސް ދެއްކި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޭ "ރަންލާރި" އެވޯޑް 20 ފަރާތަކަށް ދީފިއެވެ. މި އެވޯޑްތައް ހަވާލުކޮށްފައިވަނީ މީރާއަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މީރާއިން ހާމަކުރި ގޮތުގައި މި އެވޯޑް ދީފައިވަނީ ޓެކްސްގެ ގާނޫނުތަކުގެ ދަށުން 2025 ވަނަ އަހަރު އަދާކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމައަށް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ. މި އަހަރު ޖުމްލަ 12 ގިންތިއަކުން 20 ފަރާތަކަށް ވަނީ މި ޝަރަފުވެރި އެވޯޑް ލިބިފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ވަނަތައް
ފަތުރުވެރިކަމުގެ ދާއިރާގައި ޖީ.އެސް.ޓީ އާއި ގްރީން ޓެކްސް ދެއްކި ރިސޯޓްތަކުގެ ތެރެއިން 150 އެނދަށްވުރެ ދަށުގެ ގިންތީން އެވޯޑް ހާސިލްކުރީ ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އެވެ. 151 އެނދާއި 250 އެނދުގެ ގިންތީން ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑް އެވޯޑް ހާސިލްކުރިއިރު، 250 އެނދަށްވުރެ ގިނަ އެނދު ހުރި ރިސޯޓްތަކުގެ ތެރެއިން އެވޯޑް ލިބުނީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި އަށެވެ.
މީގެ އިތުރުން ޓޫރިސްޓް ހޮޓާ ގިންތިން ހުޅުލެ އައިލެންޑް ހޮޓެލް، ގެސްޓްހައުސް ގިންތިން ސަމަން ގްރޭންޑް، އަދި ޓޫރިސްޓް އުޅަނދު ގިންތިން ވިލަމެންދޫ އިންވެސްޓްމަންޓްގެ "ގޮމަފުޅު" ވަނީ އެވޯޑް ހޯދާފައެވެ. ޓްރެވެލް އެޖެންސީގެ ބައިން އެވޯޑް ހާސިލްކުރީ އިންޓުއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެ.
އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކައިގެން އެވޯޑް ހޯދާފައިވަނީ ޓީއެމްއޭ އެވެ. އެއަރޕޯޓް ޓެކުހާއި ފީ އެންމެ ގިނައިން ދައްކާފައިވަނީ އިއްތިހާދު އެއަރވޭސް އެވެ. ބޭންކުތަކުގެ ގިންތީން އެންމެ ގިނައިން އާމްދަނީ ޓެކްސް ދައްކާފައިވަނީ ބީއެމްއެލް އެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މި އެވޯޑް ލިބިފައިވަނީ ދިރާގު އަށެވެ.
މީގެ އިތުރުން، އާމްދަނީން ނަގާ ޓެކްސް ފަރުދުން ނޫން އެހެން ފަރާތްތަކުގެ ގިންތިންނާއި، ފަތުރުވެރިކަމުގެ ދާއިރާ ނޫން އެހެން ދާއިރާތަކުން ޖީ.އެސް.ޓީ އެންމެ ގިނައިން ދެއްކި ފަރާތްތަކުގެ އަގުވެސް މީރާއިން ވަނީ ވަޒަންކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.