ދިވެހި މަސްދޯނިފަހަރުގައި އިންޖީނު އެޅިތާ 50 އަހަރު ފުރުމުގެ މުނާސަބާއާ ގުޅިގެން، އެމްޓީސީސީން އިންތިޒާމުކޮށްގެން ޚައްޞަ ފޯރަމެއް ބާއްވައިފިއެވެ. މި ފޯރަމްގައި ޔަންމާ އިންޖީނާއި، އޮޑިދޯނިފަހަރުގައި ބޭނުންކުރެވޭނެ ފަހުގެ ޓެކްނޮލޮޖީއާބެހޭ މަޢުލޫމާތު ދީފައިވެއެވެ.
ޖަޕާނުގެ ބްރޭންޑެއްކަމަށްވާ ޔަންމާ އިންޖީނު ދިވެހި މަސްދޯންޏެއްގައި އެޅުވިތާ 50 އަހަރު ފުރުމުގެ މުނާސަބާއާ ގުޅުވައިގެން ބޭއްވުނު މި ފޯރަމްގައި ބައިވެރިވެފައިވަނީ އެމްޓީސީސީން ވިއްކާ އިންޖީނު އެޅި އޮޑިފަހަރުގެ އޮޑިވެރިންނެވެ. ފޯރަމްގައި މަޢުލޫމާތު ދެއްވީ ޔަންމާ އޭޝިއާ ސަރަހައްދުގެ މެނޭޖިން ޑައިރެކްޓަރ ޖެކްސަން ޓާންއެވެ.
ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖެކްސަން ޓާން ވިދާޅުވީ، ޔަންމާ އިންޖީނެއް ދިވެހި މަސް ދޯންޏެއްގައި އެޅުމަކީ ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް ގެނެސްދިން ކަމެއް ކަމަށެވެ. އަދި ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ޔަންމާ ކުންފުނިން ކޮލިޓީ އެތައް އިންޖީނެއް އުފައްދައި، އޭގެ ސަބަބުން ދިވެހި މަސްވެރިކަމަށް އެތައް ކުރިއެރުމެއް ލިބިގެންގޮސްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވިގޮތުގައި، ފޯރަމްގައި ބާޒާރުގައި މިހާރު ހުރި އިންޖީނުތަކާއި އެއަށް ދިމާވާ އެކި މައްސަލަތަކާއި އޭގެ ހައްލާ ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، މިފަހުން ޤާއިމްކުރަން ފެށި ލޮނުފެނުން މަސް ފިނުކުރާ ނިޒާމު ހަރުކުރުމާ ބެހޭގޮތުންވެސް މުހިންމު މަޢުލޫމާތުތަކެއް ދީފައިވާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
ރާއްޖޭގެ މަސްކަނޑުތަކުގައި އެންމެ ފުރަތަމަ ޔަންމާ އިންޖީނު އެޅި ދޯންޏެއް ބޭލީ 1974 ވަނަ އަހަރުއެވެ. "އުއްމީދު" ނަމަކަށް ކިޔާ މި ދޯނީގައި އިންޖީނު އެޅުމަކީ ދިވެހި މަސްވެރިކަމަށް އުއްމީދު ގެނެސްދިން ދަތުރަކަށް ވެގެންދިޔައެވެ. އެއަށްފަހު، ޔަންމާ އިންޖީނުގެ އަވަސްކަމާއި ކުޅަދާނަކަމާއި އެ އިންޖީނުން ލިބިދޭ ގިނަގުނަ ލުއިފަސޭހަތައް ވިސްނުނު ހިސާބުން، ޔަންމާ އިންޖީނުގެ ތަރުހީބު މަސްވެރީންނާއި އޮޑިވެރިން ތެރޭގައި އިތުރުވެ، ދިވެހި މަސްވެރިންގެ މެދުގައި މަޤްބޫލު ބްރޭންޑަކަށް ޔަންމާ ވެގެންދިޔައެވެ.
މި ފޯރަމަކީ ދިވެހި މަސްވެރިކަމުގެ ތާރީޚުގައި މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރެވުނު ފޯރަމެއްކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ. އެ ކުންފުނިން ވިދާޅުވީ ޔަންމާ އިންޖީނު ދިވެހި އޮޑިފަހަރުގައި އަޅުވަން ފެށިތާ 50 އަހަރު ފުރިފައިވާއިރު، ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.