ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒް ކުރުމަށް ހީލަތްތެރިން އައު އުކުޅެއް ބޭނުންކުރަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ވަނީ ފާހަގަ ކުރެވިފައިކަމަށް ފުލުހުން ބުނެފިއެވެ.

މިކަން ފާހަގަކުރެވިފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅެމުންދާ މައްސަލަތަކުން ކަމަށް ފުލުހުން ބުނެއެވެ.

މި އައު އުކުޅުގައި، ސްކޭމަރުން ވިކްޓިމަށް ގުޅައި، ވިކްޓިމް ބޭނުންކުރާ ނަންބަރަކީ ކުރިން ބޭނުންކުރި ނަންބަރެއް ކަމަށް ބުނެއެވެ. އަދި ސްކޭމަރުގެ އެކައުންޓެއް ރިކަވަރ ކުރުމަށް ވިކްޓިމްގެ ނަންބަރަށް ލިބޭ އޯޓީޕީ ކޯޑެއް ހިއްސާކުރުމަށް އެދެއެވެ. އެ ކޯޑު ހިއްސާ ނުކުރުމުން، ދެން އެދެނީ ވިކްޓިމްގެ ނަންބަރަށް ރިސީވްވާ އިންޓަނޭޝަނަލް ކޯލެއްގެ ނަންބަރު ހިއްސާކުރުމަށެވެ.

މި ނަންބަރު ހިއްސާކުރުމުން މި ނަންބަރު ބޭނުންކޮށްގެން ސްކޭމަރުން ވިކްޓިމްގެ ވައިބަރ އެކައުންޓް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، މަކަރާއި ހީލަތުގެ އަމަލުތައް ހިންގާ ކަމަށާއި، މިކަމަށް ސަމާލުވެ، ނުދަންނަ ފަރާތްތަކާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކުރާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މިފަދަ ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވީހާވެސް އަވަހަކަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރުމަށް ދަންނަވާ ކަމަށްވެސް ބުނެއެވެ.