ހައުންސިން މިނިސްޓްރީގައި ހިނގި އަލިފާންގަނޑު ކޮންޓްރޯލު ނުވެ، ޖެހިގެން ހުރި އެންވަޔަމަންޓް މިނިސްޓްރީ ހިންގާ އިމާރާތަށް އެ އަލިފާންގަނޑު ފޯރައިފިއެވެ.
އަލިފާނުގެ ސަބަބުން އަރަމުންދާ ދުމުން މުޅި ބޮޑު ތަކުރުފާނު މަގު އޮތީ އަނދިރިކޮށްލާފައެވެ. މި ސަރަހައްދުގައި ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދާދި ދެންމެއަކު ދެއްވި މަޢުލޫމާތުގައި، އަލިފާން އަދިވެސް ކޮންޓްރޯލް ނުކުރެވޭ ކަމަށާއި، އިމާރާތް ކުރުމާއި ބިނާއާ ބެހޭ ވުޒާރާ ހުންނަ މުޅި ބިލްޑިންގގައި ވަނީ އަލިފާން ރޯވެފައިވާ ކަމަށް ވިދާޅުވިއެވެ.
އެ އިމާރާތުގެ ވަށައިގެންވާ އެހެން އިމާރާތްތަކުން މިހާރު ވަނީ މީހުން ހުސްކޮށްފައެވެ. މިވަގުތު ބޮޑަށް މަސައްކަތް ކުރަމުންދަނީ އެހެން އިމާރާތްތަކަށް އަލިފާން ފެތުރިޔަ ނުދިނުމަށް ކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވިއެވެ. ނަމަވެސް، އެންވަޔަރަމެންޓް މިނިސްޓްރީ ހިންގަމުން އަންނަ "ގްރީން ބިލްޑިންގ" އާ ހަމައަށްވެސް އަލިފާން ފޯރާފައިވާ ކަމަށް ބުނެފައިވެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތަށް އިތުރު ބާރެއް ލިބޭގޮތަށް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޔަރ ފައިޓަރުންގެ އެހީތެރިކަން ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ހާމަކުރެއްވިއެވެ.
މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަލިފާން ރޯވި ސަރަހައްދަށް ވަޑައިގެން ތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.