މިއަދު ހެނދުނު ހައުސިންގ މިނިސްޓްރީ އިމާރާތުގައި ރޯވި އަލިފާންގަނޑާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަގުތީގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް ސޯޝަލް ސެންޓަރަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މި ވަގުތުވެސް އެ ސަރަހައްދުގެ ގެތަކަށް ދުމުގެ އަސަރު ކުރަމުންދާ ކަމަށެވެ.

އެންޑީއެމްއޭއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ކަމާ ގުޅިގެން ސޯޝަލް ސެންޓަރުގައި އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ޤާއިމްކޮށްފައިވެއެވެ. އަދި އެ ތަނުގައި ދިވެހި ރެޑް ކްރެސެންޓާއި އެންޑީއެމްއޭގެ މުވައްޒަފުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތެއްވާނަމަ، 115 އަށް ގުޅައި ސެންޓަރަށް ވަޑައިގަތުމަށް އެންޑީއެމްއޭއިން އެދިވަޑައިގެންފައިވެއެވެ.