ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޓޫރިސްޓް ފެސިލިޓީތަކުން ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ގާނޫނީ ބާރުދޭން މަޖިލީހަށް ފޮނުވާފައިވާ "ބޭރު ފައިސާ"ގެ ބިލު ކޮމިޓީން ގެނައި ބަދަލުތަކާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.. މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙެވެ. ޖަލްސާގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާޤުން މި ބިލު ވަނީ ފާސްކޮށްފައެވެ.

ބޭރު ފައިސާއާ ބެހޭ މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، ނުވަތަ އެ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރަންޖެހޭނެއެވެ. މީގެ އިތުރުން، ރިސޯޓުތައް ފިޔަވައި، ރާއްޖޭގައި ހިންގާ ގެސްޓު ހައުސްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އުޅަނދުތަކާއި އެނޫންވެސް ތަންތަނަށް އަންނަ ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އެތަނަކަށް މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭނެއެވެ.

މާލިއްޔަތު ކޮމިޓީން މި ބިލު ދިރާސާކުރުމަށްފަހު، ބައެއް މުހިންމު ބަދަލުތައް ވަނީ ގެނެސްފައެވެ. އޭގެ ތެރޭގައި، ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން 12 އަހަރަށް މަތިކުރުމާއި، ރިސޯޓަކަށް މާލީ ދަތިކަމެއް ކުރިމަތިވެއްޖެނަމަ، ރިސޯޓަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތައަށްވުރެ މަދުން މާރުކުރުމުގެ އިޚްތިޔާރު ދިނުން ހިމެނެއެވެ. ނަމަވެސް މި ލުއި ދެވޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ ކޭސް ރިވިއުކުރުމަށްފަހުގައެވެ.