ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ފަދައިން އުނގޫފާރު ރިޖަނަލް ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ހިދުމަތްދޭން ފަށައިފިއެވެ. އުނގޫފާރު ރިޖަނަލް ހޮސްޕިޓަލްގައި އެމްއާރުއައިގެ ހިދުމަތް ފެށުމަށް ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު ނާޡިމް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުއިއްޒު ގެންދަވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ވައުދުޅުތައް ފުއްދެވުމަށް 24ގަޑިއިރު މަސައްކަތްޕުޅު ކުރައްވަމުންގެންދަވާ ކަމަށެވެ.
" އުނގޫފާރު ރިޖަނަލް ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަގީންކަން އޮތް ވާހަކަ ދެ ސަބަބަކަށްޓަކައި އަޅުގަނޑު މިހެން މި ދެންނެވީ. އެންމެ ފުރަތަމަ ސަބަބަކީ ރައީސުލް ޖުމްހޫރިއްޔާގެ ވައުދުފުޅުތައް ފުއްދެވުމަށް އެމަނިކުފާނަކީ 24ގަޑިއިރު މަސައްކަތްކުރައްވާ ވެރިއެއް. އެމަނިކުފާނާއެކު އެ ރަސްމީ ސިފައެއްގައި މަސައްކަތް ކުރެވުނު 13ވަރަކަށް މަސްދުވަސްތެރޭގައި، އެމަނިކުފާނުގެ ޒައާމަތުގައި އަޅުގަނޑަށް ފެނުނީއެކަން. އެކަށަވަރުކަން އަޅުގަނޑަށް އޮތީތީވެ އެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އަދި ދެ ވަނަ ސަބަބަކީ އުނގޫފާރު ރައްޔިތުން ތި ތިބީ އުނގޫފާރު ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލު ކުރަން ބޭނުންވެފައިކަން އަޅުގަނޑުމެނަށް ޔަގީންވާތީ" މިނިސްޓަރު ނާޡިމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވި ގޮތައް އުނފާރު ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލުކުރެއްވުމަށް ހެލްތް މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތަކަކީ ކޮބައިތޯ ބައްލަވައި އެކަން ބާރު ސުޕީޑުގައި ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވީ އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތްދޭން ފެށުމަކީ ޓާރޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އެއްބައި ކަމަށެވެ. ހެލްތް މިނިސްޓަރު ނާޒިމް ވަނީ އެ ހޮސްޕިޓަލުގެ ވެރިންނާއި ރަށުގެ ރައްޔިތުން ހޮސްޕިޓަލުގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތައް ޝުކުރުއަދާކުރައްވާފަ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.